އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުންދާ މުއައްސަސާތަކުން އެ މަސައްކަތް ރަނގަޅަށް ނުކުރެވޭނަމަ އެ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ކުރި ބަހުސްގައި ވިސާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ލީޑްކުރަމުން ދަނީ ކޮން މުއައްސަސާއަކުންކަން ނޭނގޭހާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އެންމެ ދެކެން ބޭނުންވާ މަންޒަރު ނޫން ކަމަށެވެ.
".. މިއީ އޭސީސީންތޯ މިކަން ލީޑުކުރަނީ، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުންތޯ ނޫނީ ފުލުހުންތޯ ނޫނީ އެސެޓް ރިކަވަރީ ކޮމިޝަނުންތޯ ލީޑްކުރަނީ. މި ހަތަރު ފަރާރުން ކުރެ ކޮންމެވެސް އެއް ފަރާތެއް އެމްއެމްޕީއާރުސީގެ މައްސަލައިގައި ލީޑް ނަގައިގެން އަދި މިކަންކަން ކުރިއަށް ދަނީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުންތޯ މިއީ ހާމަކުރަން ޖެހޭ ކަމެއް. މައްސަލައިއެއްގައި އެ މައްސަލަ އޭސީސީން މި އުޅެނީ މިވެނި ކަމެއް ނުކޮށްގެނޭ ވަކި ޕީޖީން މިވެނި ކަމެއް ނުކޮށްގެނޭ ބުނެ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ދިގުދެމިގެންދާ ތަން" ވިސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުން ގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކޮމިޓީއަކުންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ހިޔާނާތުގައި ޝާމިލްވާ މީހުންގެ ލިސްޓެއްވެސް އެކުލަވާލައިފަ އެވެ. އަދި ފަހުން އެ ލިސްޓު މަޖިލީހުން ވެސް އާންމުކޮށްފައި އެވެ. ނަމަވެސް އޭގެ ފަހުން އެކަށީގެން މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރެވިފައިނުވާ ކަމަށް ވިސާމް މިއަދު ވިދާޅުވި އެވެ. ހަމަ އެހެންމެ އޭސީސީގެ މަސައްކަތްތައް ވެސް ހުރީ އެ މޭރުމުން ކަމަށާއި ދެ އަހަރާއި ބައިވެގެން ދިޔައިރު އެ ކޮމިޝަނަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.
"އެސެޓް ރިކަވަރީ ކޮމިޝަންގެ ބޭފުޅުންވެސް އަދި އޭސީސީގެ ބޭފުޅުންނަށް ވެސް އެކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް،" ވިސާމް ވިދާޅުވި އެވެ.