އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އިސްތިއުފާ ދެއްވުމަށް ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ގޮވާލައްވައިފި އެވެ.
އެމްެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ޖިނާއީ ތަހުގީގު ލަސް ވަމުންދާ މައްސަަލަ ބަލައި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަހުގީގީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރު ފަދަ ފަރާތްތަކެއް ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެން ތިއްބަވާ ބޭފުޅުންގެ ނަންތައް ހިޔާނާތުގެ ރިޕޯޓްތަކުގައި ހިމޭނެ ނަމަ މަޖިލީހުން އެކަމާމެދު ދެކޭ ގޮތަކީ ކޮބައިތޯ އެއީ ސުވާލެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެ މަގާމުން ވަކި ކުރާނީ ޕާޓީންތޯ ނޫނީ އިސްތިއުފާ ދޭން މަޖިލީހުން ސިޓީއެއް ދޭނީތޯ އެއީ ވެސްވ ބަހުސެއް ކަމަށާއި މަޖިލީހުން މިފަދަ ރިޕޯޓެއް ފާސް ވެގެން ދާއިރު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެ ބޭފުޅުންގެ ނަން ލިސްޓްގައި އޮވެފައި އެހެން ބޭފުޅުން އިސްތިއުފާ ދޭން ގޮވާލައްވާ ކަމަށް ވާނަމަ އެއީ އެންމެ ހަމަޖެހޭ ކަމަކަކަށް ނުވާނެ ކަމަށެވެ. އެފަދަ ލީޑަރުން ވެސް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ހުސައިން ނިސްބަތް ވެޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ އަހުމަދު ސަލީމެވެ.
"އެބޭފުޅުން އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވާލަން އަދި ސަރުކާރުގައި ތިއްބެވި އެފަދަ ފަރާތްތަކައް ވެސް އެ ބޭފުޅުންނަށް އޮތް ތުހުމަތުތައް ސާބިތުވެ ކޯޓަކުން ހުކުމް ކުރަންދެން ވަޒީފާގައި ތިއްބަވަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ރައްޔިތުން ގަބޫލު ކުރޭ އެފަދަ ފަރާތްތަކުގެ މައްސަލަތައް ފެންމަތި ވެއްޖެ ކަމަށް، އަދި ރައްޔިތުންގެ އިތުބާރެއް ވެސް ނެތް އެފަރާތް ތަކަކަށް" ހުސައިން ވިދާޅުވި އެވެ. "އެހެން އޮތް އިރު އެފަދަ އެއްވެސް ބޭފުޅަކު ރައްޔިތުންގެ މުސާރަ ލިބޭ ގޮތަކަށް ރައްޔިތުންގެ ވަޒީފާއެއްގައި ހުންނަވަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން އެފަދަ ބޭފުޅުން އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވާލަން،"
ހުސައިން ވިދާޅުވީ ހިޔާނާތުގެ ރިޕޯޓްގައިވާއި އަދަދެއް ހަމަވާ ގޮތަށް ބަޔަކު ހިމަނައިގެން ވާހަކަ ދެއްކުމަކީ އެއީ ސުވާލުތައް އޮތް ކަމެއް ކަމަށާއި ލިސްޓުގައި ނުހިމެނި މަންފާ ހޯދި މީހުނާއި އެކަމަށް މަސައްކަތްކޮށް މަގުފަހި ކޮށްދިން މީހުންގެ މައްޗަށް ވެސް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.
"އެފަރާތްކަށް އަދަބު ލިބެންޖެހޭ އެމްއެމްޕީއާރްސީ އެއީ ދައުލަތުގެ ކުންފުންޏެއް ކޯޕަރޭޓް ގަވަނެސް އޮވެފައި ބޯޑަކާ އެއްޗެހިވެސް އޮންނާނެ މަގާމުތަކާއި މަސައްލަތް ކުރި ފރާތްތަކެއް ވެސް ތިބޭނެ، ހާއްސަކޮށް ބޯޑު ޖަވާބުދާރީ ކުރުވެން ޖެހޭނެ. އެ ބޯޑުގައި ތިއްބެވި ބޭފުޅުން ކޯޕަރޭޓް ގަވަންނެސް ހިފެހެއްޓުމަކީ ޒިންމާއެއް އެ ފަރާތްތަކަށް އަދަބު ލިބެންޖެހޭ.... މިހާރު ނުވަންޏާ މަޖިލީނުން ގާުނޫނު ހަދައިގެން ވެސް ވިޔަސް ފައިސާއަށް ހިޔާނާތްވި މީހުނަށް އަދަބު ލިބެންޖެހޭ،" ހުސައިން ވިދާޅުވި އެވެ.