ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާ ވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތެއް ކަމަށް ޓެގް ޓީމުން ނިންމައިފި އެވެ.
ޓެގް ޓީމުގެ ނިންމުމެއް އައީ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ އެ ވެކްސިން ދިނުން މެދުކަނޑާލާފައިވާތީ ކުރީން ކަނޑައެޅި މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން ކުރި ދިރާސާތަކަށް ފަހު އެވެ. މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ސޯޅަ ހަފްތާވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތަކަށް ވާނެ ކަމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމާފައިވަނީ އެހެން ގައުމުތަކުގައިވެސް އެގޮތަށް އަމަލު ކުރަމުން ގެންދާތީ އެކަންކަމަށްވެސް ބަލައިގެން ކަމަށް މަބުރޫކް ވިދާޅުވިއެވެ. އެގޮތުން ސްޕެއިން އާއި ކެނެޑާ ފަދަ ގައުމުތަކުގައި އެ ގޮތަށް އަމަލު ކުރާ ކަމަށް ވިދާޅުވިއެވެ.
"ޓެގް ޓީމުގެ ފަރާތުން ނިންމާފައި މިވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ސޯޅަ ހަފްތާވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތަކަށްވާނެ ކަމަށް،"
ޓެގް ޓީމުން ކުރީން ނިންމާފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ޖަހާ ގޮތަށެވެ. އަދި 12 ހަފްތާ ކުރީން ޖަހަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ސްޓޮކް މަދުވެ ޕްރަގްރާމް މެދުކަނޑާލުން އެތައް ހާސް ބަޔަކު ތިބީ ދެވަނަ ޑޯޒް ނުޖެހިފައެވެ.
މަބުރޫކް ވިދާޅުވީ ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އަވައްޓެރި ގައުމުތަކާއި ވާހަކަ ދައްކައިގެން އިތުރު ވެކްސިން ލިބޭތޯ ބަލަމުން ގެންދާ ކަމަށެވެ. އަދި އެސްޓްރަޒެނެކާ ވެކްސިން ޖޫން މަހު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީއަށް ސިންގަޕޫރު ކުންފުނިން އަންގާފައިވާތީ އެ ވެކްސިން ލިބޭނެ ދުވަހެއް ޔަގީން ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. ސިންގަޕޫރުގެ ކުންފުންޏަކުން 700،000 ޑޯޒް ވެކްސިން ހޯދުމަށް ފައިސާވެސް ވަނީ ދައްކާފައެވެ.
ވެކްސިން ލިބޭނެ ކަމަށް ބުނެ އެ ކުންފުނިން އެކި ތާރީހުތައް މީގެ ކުރިން ދީފައިވެއެވެ.