ދުނިޔެ

މިސައިލް ފޯރުކޮށްދޭ ވަރުގަދަ އެއްބަސްވުމެއްގައި ރަޝިޔާ އާއި އީރާން ސޮއިކޮށްފި

Nov 9, 2015

މޮސްކޯ، (ބީބީސީ) - އީރާނަށް އެސް-ތްރީހަންޑްރެޑް މަރުކާގެ މިސައިލް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެގައުމުން ރަޝިޔާއާއި އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއި މެދު އެމެރިކާއާއި އިޒްރޭލުގެ އިތުރުން ސައުދީ އަރަބިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއީ 800 މިލިއަން ޑޮލަރުގެ މި އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ އީރާނާއި ރަޝިޔާ ސޮއިކުރީ 2007 ގައެވެ. އެކަމަކު އީރާނާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅު ތަކާއި އެކު ރަޝިޔާއިން 2010 ވަނަ އަހަރު މި އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލިއެވެ. މި އެއްބަސްވުމާއިގެން އަނެއްކާވެސް ކުރިއަށް ދިއުމަށް މަގުފަހިވީ އީރާނުގެ ތާރީހީ ނިއުކްލިއާ އެއްބަސްވުން ކާމިޔާބުވުމާއި އެކު އެގައުމާއި ދެކޮޅަށް ކުރިން އަޅާފައި އޮތް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ގުޅިގެންނެވެ.

ރަޝިޔާއިން ބުނީ މިސައިލްތަކުގެ ފުރަތަމަ ބެޗް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ދެގަކއުމުގެ މެދުގަކއި ކުރިއަށްދަނީ މި އެއްބަސްވުމާއި ބެހޭ ފަންނީ މަޝްވަރާތައް ކަމަށްވެސް ރަޝިޔާއިން ބުންޏެވެ.

އެމެރިކާއާއި އިޒްރޭލުން ކަންބޮޑުވަނީ މި މިސައިލްތައް ބޭނުންކޮށްގެން އީރާނުން އެގައުމުގެ ނިއުކްލިއާ ސައިޓުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފާނެތީއެވެ. އެސް-ތްރީހަންޑްރެޑް މަރުކާގެ މިސައިލަކީ ވައިގެ ތެރޭގައި ޖެޓާއި އެހެނިހެން މިސައިލުތައް ގޮއްވާލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލުގެ ބާވަތެކެވެ. މިފަދަ މިސައިލު ތަކުގެ ދުވެލި އަޑަށްވުރެ ފަސް ގުނަ ބާރެވެ.