ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަލީގަޅް ޔުނިވަސިޓީގައި ކޮވިޑްގެ މާ ނުރައްކާ ވޭރިއަންޓެއް!

އިންޑިޔާގެ އަލީގަރް މުސްލިމް ޔުނިވަސިޓީ (އޭއެމްޔޫ) ގައި ކޮވިޑްގެ މާ ނުރައްކާތެރި ވޭރިއެންޓެއް ފެތުރެމުންދާ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ. މިހާތަނަށް އެ ޔުނިވަސިޓީގެ 44 މުވައްޒަފަކު ކޮވިޑް-19ގެ މި ނުރައްކާތެރި ވޭރިއަންޓްގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފި އެވެ. މަރުވި މީހުންގެ ތެރޭގައި އެ ޔުނިވާސިޓީގެ 19 ޕްރޮފެސަރުންނާއި 25 އިދާރީ މުވައްޒަފުން ހިމެނެ އެވެ.

އަލީގަރް ޔުނިވަސިޓީ އަކީ ވަރަށް ޒަމާޏްވީ، ގަދަރުވެރި، ތައުލީމީ އިންސްޓިޓިއުޝަން އެކެވެ. ވަރަށް ގާބިލް މަޝްހޫރު މޮޅު އެތައް ބަޔަކު މި ޔުނިވަސިޓީން ތައުލީމު އުނގެނިފައި ވެއެވެ. މިފަދަ ތަނަކުން ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން މަރުވަމުން ދިއުމުން ގިނަ ބަޔަކު ވަނީ ޝޮކެއްގަ އެވެ.

އިންޑިއަން ކައުންސިލް ފޯ މެޑިކަލް ރިސާޗް (އައިސީއެމްއާރް)އަށް އޭއެމްޔޫގެ ވައިސް ޗާންސެލާ ތާރިގު މަންސޫރު ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ މި އެންމެން މަރުވެފައިވަނީ ފުރާނައަށް ވަރަށް އަވަހަށް ގެއްލުންވާ ނުރައްކާތެރި ވޭރިއަންޓެއް އެ ޔުނިވަސިޓީގައި ފެތުރިގެން ކަމަށެވެ. އަދި މި ވޭރިއަންޓްގެ އަސްލު ދެނެގަތުމަށް މީގެ ޖީނޯމް ސިކުއެންސިން ހަދަން އެ ޔުނިވަސިޓީން ވަނީ ކަމާ ބެހޭ އިދާރާތަކުގައި އެދިފައި ވެއެވެ.
މިހާރު ސާމްޕަލްތައް ނަގައިގެން ޓެސްޓްކުރަމުންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

މިހާ ގިނަ މުވައްޒަފުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވުމުން ޔުނިވަސިޓީގައި މަސައްކަތްކުރާ މީހުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެފަ އެވެ.

"މިހާރު ޔުނިވަސިޓީގެ ގަބުރުސްތާނު ފުރިއްޖެ. މިއީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާރިސާއެއް. ބޮޑެތި ޑޮކްޓަރުންނާއި ޕްރޮފެސަރުންގެ ތެރެއިން ގިނަ ބަޔަކު މަރުވެއްޖެ. މީގެ ތެރޭގައި ޔުނިވަސިޓީގެ ޑީން އާއި ޗެއާމަން ވެސް ހިމެނޭ،" އެ ޔުނިވަސިޓީގައި މަސައްކަތްކުރާ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު ޑރ. އަރްޝީ ޚާން ވިދާޅުވި އެވެ.

އަލީގަރް ޔުނިވަސިޓީއަށް ވަރުގަދަ ޓީމެއް ފޮނުވައިގެން އެތަނުގެ ހާލަތު ބަލައި ކޮވިޑް ޖެހޭ މީހުން އެހާ ފަސޭހައިން މަރުވާން ދިމާވަނީ ކޮން ކަހަލަ ވޭރިއަންޓަކުންތޯ ބަލައިދިނުމަށް ލޯކް ސަބާގެ އެމްޕީ ކުވަރު ދާނިޝް އަލީ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން އެދިފަ އެވެ.

މޯދީ އަށް ފޮނުވި ސިޓީގައި ބަހުޖަން ސަމާޖް ޕާޓީގެ ލީޑަރު ބުނެފައިވަނީ 100 އަށް ވުރެ ގިނަ އަހަރު ވެފައިވާ އަލީގަރް ޔުނިވަސިޓީއަށް ދިމާވެގެން އުޅޭ މައްސަލަތަކީ ފާއިތުވީ ތަނުގައި އެ ޔުނިވަސިޓީއަށް ދުވަހަކުވެސް ދިމާނުވާފަދަ ހިތާމަވެރި އަދި ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. އަދި ކޮވިޑް-19ގެ މުޅީން އާ ވޭރިއަންޓެއް އެ ޔުނިވަސިޓީން ފެނި ކެމްޕަސް މުޅީން ސުންނާފަތި ކުރަމުންދާ ކަމަށެވެ.

އަލީގަރް ޔުނިވަސިޓީގައި މިހާރު ވެސް 30،000 ވަރަކަށް ކުދިން ކިޔަވަ އެވެ. މީގެ ތެރެއިން 16،000 ކުދިން ދިރިއުޅެނީ 16 ހޮސްޓެލް އެއްގަ އެވެ. ޔުނިވަސިޓީ ބަންދުކުރިޔަސް ހޮސްޓެލްތަކުގައި ކުދިން އުޅެ އެވެ. ނަމަވެސް މިހާރު އެތަންތަން ވެސް ވަނީ ފަޅުވެފަ އެވެ. ކުދިންތައް ހޮސްޓެލް ދޫކޮށް ގޮސްފައިވާތީ އެވެ.

ރިސާޗް ސްކޯލާ ސަލްމާން ގަމަރް ބުނި ގޮތުގައި މިހާރު ޔުނިވަސިޓީ ކެމްޕަސްގައި ތިބީ އެންމެ 50-60 ކުދިންނެވެ. އެކުދިން ވެސް ތިބީ ތީސިސް ސަބްމިޓްކުރަން ޖެހޭތީ އެ ހަވާލުކޮށްފައި ދާށެވެ. އެކުދިންގެ ބެލެނިވެރިން ބިރުން ހަލާކުވާވަރު ވެގެން ކޮންމެ ދުވަހަކު ގުޅާ އެކަމާ ކަންބޮޑުވެގެން އުޅޭކަމަށް ސަލްމާން ބުންޏެވެ. ނަމަވެސް ތީސިސް ސަބްމިޓްކޮށްފައި ނޫނީ ނުދެވިފައި ކުދިން ތިބީ ކަމަށް ވެސް އޭނާ ބުންޏެވެ.