ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

މޭ މަހުގެ 22 ގެ ނިޔަލަށް އޮފީސްތައް ބަންދު

ކޮވިޑް-19 ގެ ކޭސްތައް ގިނަވެފައިވާތީ ސަރުކާރު އޮފީސްތައް ބަންދުކޮށް މަސައްކަތްތައް އޮންލައިންކޮށް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ހަފްތާއަކަށް އިތުރުކޮށްފި އެވެ.

ސަރުކާރު އޮފީސްތަކުގެ މަސައްކަތް އޮންލައިންކޮށްފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފަ އެވެ.

ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ މެނޭޖްމަންޓްގެ އިރުޝާދުގެ ދަށުން ހާޒިރުވެވެ އެވެ.

އޮފީސްތައް ބަންދު ކުރި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ނުބަލާނެ އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ ކަމާ ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑް-19 އިގެ ކޭސްތައް އިތުރުވާތީ އެޗްއީއޯސީ އިން ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފަ އެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، 4:00 އިން ފަތިހު 4:00 އަށް ދުއްވާއެއްޗެހި ދުއްވުން މަނާ ކުރުމާއި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ ތިން ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ. ފަހު ދެ ދުވަހު އެ ނަންބަރު ހުރީ 1500 އިން މަތީގައެވެ. މިވަގުތުވެސް 12،800 ވުރެ ގިނަ މީހުން ބަލިން ފަސޭހަނުވެ ތިބިއިރު 263 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.