ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓް ޓާމިނަލްގެ ބިއްގަނޑެއް ވެއްޓިއްޖެ

May 13, 2021
4

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލްގެ ބިތްލޫރި ބިއްގަނޑެއް ވެއްޓިއްޖެ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްްސާރާގައި ވެއްޓިފައިވަނީ ހޯރަފުށި އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ ރަންވޭގެ ކުރި މައްޗަށްވާ ގޮތަށް ބިއްލޫރިން ހަދާފައިވާ ބިތްގަނޑެކެވެ. އަވަސް އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި އާއި އެލްމެނިއަމް ފަތިން ހަދާފައިވާ ބިތްގަނޑު ވެއްޓިފައިވަނީ މައި ބިލްޑިންގް އެކު ހަރުކޮށްފައިވާ ސެލްކޯންގަނޑު ކަނޑައިގެން ގޮސްގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓުނު ބިއްގަނޑު ވަނީ ފުނޑުފުޑު ވެފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި މިި ބިއްގަނޑު ހަދާފައިވަނީ އާދައިގެ ބިއްލޫރިންނެވެ. ނަމަވެސް ދުނިޔޭގެ މިފަދަ އާއްމު ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރަނީ ޓެމްޕަޑް ބިއްލޫރި އެވެ.

ހޯރަފުށީ އެއާޕޯޓަކީ ސަރުކާރުން ރީޖަނަލް އެއާޕޯޓްތައް ބަލަހައްޓަން ހެދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް އިން ބަލަހައްޓާ ތަނެކެވެ. ނަމަވެސް މިހާދިސާއާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މި އެއާޕޯޓަކީ ކޮންމެ ދުވަހު ދެ ފްލައިޓް އޮންނަ ތަނެކެވެ. އެހެންވެ މި ހާދިސާގެ ސަބަބުން ހޯރަފުއްޓަށް ކުރާ ދަތުރުތައް މެދުކަނޑޭނެ ކަމަށް ބެލެވެ އެވެ. މި އެއާޕޯޓަށް ދަތުރު ކުރަނީ މޯލްޑިވިއަންއިންނެވެ. މި މައްސަލާގައި އެ ކުންފުނީގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ހޯރަފުށީ އެއާޕޯޓަކީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީ އިން ހެދި ތަނެކެވެ. މި އެއާޕޯޓް ތަރައްގީ ކުރަން ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ވެސް ހަދާފައިވެ އެވެ.