ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓް ހުޅުވަން 10 ދުވަސް ނަގާނެ

May 22, 2021

ރާޅު އަރައި ގެއްލުވި ހޯރަފުށީ އެއާޕޯޓް ހުޅުވަން 10 ވަރަކަށް ދުވަސް ނަގާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުރިން ލަފާކުރި ވަރަށްވުރެ ލިބިފައިވާ ގެއްލުން ކުޑަ ކަމަށް ދައްކާ ކަމަށެވެ. އަދި އެއާޕޯޓަށް ލިބިފައިވާ ގެއްލުން އެއްކޮށް ތިން ދުވަހުގެ ތެރޭގައި އެނގޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒްވީ އިތުރަށް ވިދާޅުވި ގޮތުގައި މިތާނަށް ބެލިބެލުމުން ރަންވޭ އަށް ގެއްލުމެއްވެފައި ނެތް ކަމަށް ދައްކަ އެވެ. އެހެންވެ 10 ވަރަކަށް ދުވަހުގެތެރޭގައި އެއާޕޯޓް އަލުން ހުޅުވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ގައުމީ އެއާލައިންގެ އެމްޑީކަން ވެސް ކުރެއްވި ރިޒްވީ ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓަށް ރާޅު އެރުމުގެ ސަބަބުން ރަންވޭމަތީގައި ވެސް އެއްކޮށް ފެން ބޮޑުކޮށްލި އެވެ. އަދި މޫސުން ގޯސްވެގެން ޕެސެންޖަރު ޓާމިނަލް ގެ ބައެއް ވެސް ވެއްޓުނެވެ. މި އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދިޔައިރު އެއާޕޯޓް އޮތީ އިންޝުއަރެންސް ހަމަވެފަ އެވެ.

ރީޖަނަލް އެއާޕޯޓް ކުންފުނިން ބުނީ އެއާޕޯޓުތައް އެ ކުންފުނީގެ ދަށަށް ސަރުކާރުން ދޫކޮށްފައިވަނީ މި އަހަރުގެ މާޗު މަހު މެދުތެރޭގަ އެވެ. އަދި އެއާޕޯޓުތައް ދޫކުރިއިރު ވެސް އިންޝުއަރެންސް އޮތީ ހަމަވެފަ އެވެ. ކުރިން މި އެއާޕޯޓުތައް ބެލެހެއްޓީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އޮތް ޑިޕާޓްމަންޓަކުންނެވެ. އެ ކުންފުނީގެ ދަށުގައި ހުރި ޕްރޮޕަޓީތައް އަގުމަގު ކުރުމުގެ މަސައްކަތް ތަކެއް ވެސް ފަށާފަ އެވެ. އަދި އިންޝުއަރެންސް ކުރެވޭނީ އެ މަސައްކަތް ނިމިގެންނެވެ.

އުދައަރައި އެއާޕޯޓް "ދޮވެވިގެން" ދިޔަ، މި އެއާޕޯޓްގެ އީއައިއޭ ހަދާފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ އަދި އެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްގެ ކުންފުނިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި އަޅަން އޮތް އެއާޕޯޓް ހޯރަފުށްޓައް ބަދަލުކުރީ މި ސަރުކާރުންނެވެ.

ބޮޑު މި ގެއްލުންވުމާއެކު، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެއާޕޯޓް ހެދުމުގައި އީއައިއޭ ރިޕޯޓާ އެއްގޮތަށް ތޯ ބަލާނެ ކަމަށް ބުނެފަ އެވެ.

ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މިސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. މިހާ ކުރުު މުއްދަތެއްގައި އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ އެ މައްސަލާގައި ޒިންމާވާންޖެހޭ ފަރާތް ތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.