އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމަނައި ކުރާ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު (ފުނަމާ ލަތީފް) ވިދާޅުވެެއްޖެ އެވެ.
މަޖިލީހުން އާންމުކުރި ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ. އެ ލިސްޓްގައި ޖުމްލަ ހިމެނެނީ 281 ފަރާތެއްގެ ނަމެވެ.
ލިސްޓްގައި ލަތީފްގެ ނަންވެސް ހިމަނާފައިވެއެވެ.
އެކަމަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ ލިސްޓްގައި ނަން ހިމަނާފައިވަނީ މީހަކު ބުނި އެއްޗަކަށް ބަލައިގެން ކަމަށެވެ. އަދި ތިން އަހަރުވީއިރު އެއީ ތެދެއްތޯ ބަލަން ސުވާލެއް ތަހުގީގެއްވެސް ހިންގާފައިނުވާ ކަަމަށެވެ. ލިސްޓު އާންމުކުރީ ސަރުކާރުން ގަޔާވާ ވަކި ބައެއްގެ ނަން އުނިކުރުމަށް ފަހު ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
"އިދިކޮޅު މުޒާހަރާގައި އުޅޭތީ ލިސްޓްގައި ނަން ޖަހާ އާންމުކުރުމަކީ އެމްޑީޕީގެ ހެޔޮވެރިކަން ބާ،" ލަތީފުގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.
ލަތީފަކީ މި ސަރުކާރު ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އިދިކޮޅުގެ މަސައްކަތަށް އޭރު ލިބުނު އެންމެ ބޮޑު ހިތްވަރަކީ މަޖިލީހުގެ 12 މެންބަރަކު އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރަން ފެށުމެވެ. އެ ޓީމުގައި ވަރަށް އިސް ދައުރެއް ލަތީފު އަދާކުރިއެވެ.
ނަމަވެސް ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުމުން އެ މެންބަރުންނާމެދު އަމަލުކުރެއްވި ގޮތުން ގިނަ މެންބަރުން މިހާރު ތިބީ ސަރުކާރާ ދުރުގައެވެ. އިދިކޮޅު ހަރަކާތްތަކުގައި މިހާރު އެންމެ ވަރުގަދަ އެއް ބޭފުޅަކީ ލަތީފެވެ. ޕީޕީއެމް އާއި ޕީއެންސީގެ މަގުމަތީ ހަރަކާތްތަކާއި އިހުތިޖާޖު އަދި އެއްވުންތަކުގައި އެންމެ ކުރީ ސަފުގައި ހުންނަވާ އެއް ބޭފުޅަކީ ލަތީފެވެ.
ހިޔާނާތުގެ ލިސްޓް މަޖިލީހުން އާންމު ކުރުމުން ލިސްޓްގައި ނަން އޮތް ކޮންމެ މީހަކީ ކުށްކޮށްފައިވާ މީހެއް ކަމަށް ނުބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެދިފައެވެ.