ޣައްޒާއަށް އެއްގަމު މަގުން ބަރުހަތިޔާރާއެކު އަރައިގަތުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް އިޒްރޭލު ޑިފެންސް ފޯސް (އައިޑީއެފް) އިން ކުރިން އޮތީ ބުނެފަ އެވެ. މީޑިއާތަކުންނާއި މަންޒަރު ދުށް މީހުން ޓްވީޓާގައި މިހާރު ބުނެފައިވާ ގޮތުން އިޒްރޭލުގެ އިސްތިއުމާރީ ފައުޖުތައް ޓޭންކަރުތަކާއެކު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެގެންފި އެވެ.
އިޒްރޭލް ޑިފެންސް ފޯސްގެ އޮފިޝަލަކާ ހަވާލާދީ މަގުބޫލް ޚަބަރު އޭޖެންސީތަކުން ބުނާ ގޮތުން އިޒްރޭލުން މިހާލަތުގައި ޣައްޒާއަށް އެއްގަމު މަގުން ހަމަލާއެއް ނުދޭނެ އެވެ. އެހެންނަމަވެސް އައިޑީއެފްއިން ކުރިން ބުނީ ބަރުހަތިޔާރާއެކު ޣައްޒާއަށް އަރައި މުޅި ތަން ކޮންޓްރޯލްކުރާ ކަމަށެވެ. އަދި ބުނީ ފިކުރީ ގޮތުންނާއި އަސްކަރީ ގޮތުން އެކަމަށް ބޭނުންވާ ބުއްދި އާއި ވަސީލަތްތައް ހުރީ ޖަމާކޮށްފައި ކަމަށެވެ.
ބޯޑަރު ހުރަސްކޮށް އިޒްރޭލްގެ ޓޭންކަރުތައް ޣައްޒާއަށް ވަންނަ ވީޑިއޯތައް ޓްވީޓާގައި އަންނަނީ އާންމުވަމުންނެވެ. އެހެންކަމުން ބެލެވެނީ އިޒްރޭލުން މީޑިއާއަށް މައުލޫމާތު ދެނީ ވެސް އޮޅުވާލައިގެން ކަމަށެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުން ޣައްޒާއަށް 40 އަށް ވުރެ ގިނަ ހަމަލާ އެއާ ފޯސްއިން ވަނީ ދީފަ އެވެ. އަދި އިތުރު ހަމަލާތަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވަޔާއި އެއްގަމުން، ބޮޑުބަޑި އާއި ޓޭންކަރުތަކުން އަދި ހަނގުރާމަމަތީ ހެލިކޮޕްޓަރުތަކުން ވެސް ޣައްޒާއަށް ހަމަލާދޭނެ އެވެ.
އިޒްރޭލްގެ ޑިފެންސް ފޯސްއިން ނެރުނު ބަޔާނެއްގައި ޣައްޒާގެ ހަތަރު ކިލޯމީޓަރު ސަރަހައްދެއްގައި ދިރިއުޅޭ ޔަހޫދީން ވަކި ގޮތެއް އަންގަންދެން ގެއިން ނުނިކުމެ ތިބުމަށް ވަނީ އަންގާފަ އެވެ.
އިޒްރޭލުގެ ޓޭންކަރުތައް ޣައްޒާ ބޯޑަރު ހުރަސްކުރި ނަމަވެސް ހަމަލާތައް އަދި ވެސް ފަށާފައި ނުވާތީ އިޒްރޭލް ޑިފެންސް ފޯސްއިން އެސަހަރައްދުގައި މިހާރު ކުރާ ކަމެއް ސާފުނުވާ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެ އެވެ.