ދުނިޔެ

ޣައްޒާއިން 1،750 ރޮކެޓް ހަމަލާ އިޒްރޭލަށް

އިޒްރޭލުގެ އަސްކަރިއްޔާއިން މީޑިއާތަކަށް ބުނީ ހަމަނުޖެހުންތައް ފެށި ފަހުން އިޒްރޭލަށް ހަމަލާދިނުމަށް 1،750 ރޮކެޓް ހަމަލާ ޣައްޒާގެ ތެރެއިން ފޮނުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް 300 ރޮކެޓް ޣައްޒާ ސަރަހައްދަށް ވެއްޓުނު ކަމަށާއި އަޔަން ޑޯމް މިސައިލް ސިސްޓަމުން ވެސް އެތައް ރޮކެޓެއް މަތަކުރި ކަމަށެވެ.

އޮފިޝަލް ބުނި އަދަދަކީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޣައްޒާއިން ދިން ރޮކެޓް ހަމަލާ އެވެ. އެހެންކަމުން އެ އަދަދު މިހާރު އެއަށް ވުރެ މާބޮޑަށް ވެސް އިތުރުވާނެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާގައި ހުރި ވަރުގެ ބާރުގަދަ މިސައިލެއް ޣައްޒާގެ ބާރުތަކުގައި ނެތެވެ. އެހެންކަމުން ޣައްޒާއިންް އިޒްރޭލަށް ފޮނުވަނީ ނިސްބަތުން ދެރަވަރުގެ ރޮކެޓްތަކެކެވެ. އެވަރުން ވެސް އެއިން ދިފާއުވުމަށް އިޒްރޭލުގައި އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމުކޮށްފައި ހުރެ އެވެ.

ޣައްޒާއިން ފޮނުވާ ގިނަ ރޮކެޓް އެސިސްޓަމުން ވައިގެ ތެރޭގައި ނައްތާލަ އެވެ. މަދު ހަމަލާއެއް ނޫނީ އިޒްރޭލުގެ އަވަށަކަށް ނުފޯރަ އެވެ.

ޣައްޒާއިން މިހާރު އިޒްރޭލަށް ދެމުންދާ ރޮކެޓު ހަމަލާތަކުގައި އިޒްރޭލުގެ މަދު އަދަދެއްގެ އާންމުންނާއި ސިފައިން ވަނީ މަރުވެފަ އެވެ. އިޒްރޭލުން ބަދަލުހިފުމަށް ޣައްޒާއަށް ބޮން އަޅައި ދޭ ގެއްލުންތަކުގައި މަރުވާ މީހުން އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ.