(10 މޭ 2021 އާ ގުޅޭ)
"ހަލޯ!" ފޯނުގެ ތެރެއިން ޖަންނަތުގެ ކަންފަތުގައި ޖެހުނީ ރާފިލްގެ ބަރު އަޑެވެ. ޖަވާބުގައި ބުނަންވީ ކީކޭ ކަން ނޭނގި ޖަންނަތު ހުއްޓުން އެރިއެވެ.
"ހަލޯ. ޖަންނަތު." ޖަންނަތުގެ ފަރާތުން އެެއްވެސް ޖަވާބެއް ނުލިބުމުން، ރާފިލް އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ. ޖަންނަތުގެ މުޅި ގަޔަށް ހީވީ ބޮޑު ލޮޅުމެއް އަރައިގެން ދިޔަހެންނެވެ. ކުއްލިއަކަށް ހުރެފައި "ހަލޯ ހަލޯ" އޭ ބުނެ ޖަންނަތު ވަރަށް އަވަސްކޮށް ނޭވާ ތަކެއް ދޫކޮށްލިއެވެ.
"އަހަންނަށް ހަމަ މި ގުޅުނީ ރާފިލާ ދޯ؟ ކީކޭ ބުނާނީ؟ އާނ! އަހަރެން މި ހުރީ ރާފިލްއާ ގުޅައިގެން.." އަމިއްލަ ޟަމީރާ ވާހަކަދައްކައިލަމުން ޖަންނަތު ބުނެލިއެވެ. އެވަގުތު ވެސް ޖަންނަތު ހުރީ އޭނާގެ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.
"ޖަންނަތު. ބަލަ ކީއްވެތަ ވާހަކަނުދައްކަނީ؟ ކީއްކުރަންތަ ތި ގުޅީ؟" ރާފިލް އަމުނައިލީ ސުވާލު ފަށްޗެކެވެ.
"އަހަރެން ކީއްކުރަން ތަ މި ގުޅީ؟ އަހަރެން މި އުޅެނީ ރާފިލަށް މި ވާހަކަތައް ކިޔައިދޭންތަ؟ އޭނ؟ ހަމަ އަހަރެން މިި އުޅެނީ.." ޖަންނަތު ހިމޭން ވެގެން ވާހަކަދައްކަމުން ދިޔައީ އޭނާގެ ހިތާއެވެ. ޖަންނަތުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރާފިލް އެންމެފަހުން ފޯނު ކަނޑައިލިއެވެ. ހައިރާންކަން މަތީގައި ހުރެގެންނެވެ. ދުވަސްތަކަކަށްފަހު، ޖަންނަތު އޭނާއަށް ގުޅާފައި އެއްވެސް އެއްޗެއް ނުބުނެ ހަމަ އެކަނި ހަލޯ އިން ނިންމައިލުމުންނެވެ.
"ވެދާނެ އޮޅިގެން ގުޅުނީ ކަމަށް ވެސް.. އެކަމު، ހާދަ ހާސްވެފަ ހުރިހެން ހީވެއޭ ދޯ ހަލޯ އޭ ބުނެލި އިރު.. ހޫނ.. އެ ވާނީ އޮޅިގެން ކަމަށް.. ފަހުން ދެން ގުޅާލާނީ.." ފޯނު ބޭއްވުމަށްފަހު، ރާފިލް އެހެން ބުނެލަމުން އޭނާ ކުރަމުން ދިޔަ މަސައްކަތަށް ރުޖޫޢަ ވެލިއެވެ.
***
ރީޝާ އާއި އައިޝާގެ ވާހަކަތަކަށް ކުއްލިއަކަށް ހުއްޓުން އެރީ، ނާއިކު ކޮޓަރިން ނުކުތުމާ އެކުގައެވެ. ނާއިކު ފެނުމާ އެކު ރީޝާ ލުއިކޮށް ހީނލި އިރު، ރިފާދަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ލިބުނު ހައިރާންކަން މަތީ ރިފާދު ބަލައިލީ އޭނާގެ ދައްތަގެ މޫނަށެވެ.
"މި.." ރިފާދުގެ ދުލުން ބޭއިޚުތިޔާރުގައި ބޭރުވީ އެ ވަރަށެވެ. ރީޝާގެ ލޮލަށް ޖައްސައިލި ވައްތަރުން، ރިފާދު އެއްކޮށް ހިމޭންވިއެވެ. ރީޝާ ލޮލުން އިޝާރާތް ކުރީ ރިފާާދު މަޑުން އިނުމަށެވެ. އެއްވެސް އެއްޗެއް ނުބުނުމަށެވެ. ރީޝާގެ ފަރާތުން ފެނިގެން ދިޔަ ކުލަވަރުތައް އައިޝާ އާއި ނާއިކަށް އަޅައިނުގަތީ، ރިފާދުގެ އަޑަށް އެ ދެމީހުންނަށް ވެސް ރިފާދަށް ބަލައިލެވުމުންނެވެ.
"ކޮއްކޯ.. ހާދަ ހައިރާންވެފަ.. އަނެއްކާ ކިހިނެެއްވީ؟" ރީޝާ ތެޅިތެޅި އޮތް ހިތަކާ އެކު ސުވާލުކޮށްލީ، ރިފާދުގެ ފަރާތުން މައުލޫޢު ބަދަލުވެގެން ދާނެ ފަދަ ވާހަކައެއް އިވިގެން ދާނެ ކަމަށް ބަލައިގެންނެވެ. ޖަވާބުގައި ރިފާދު ގަދަކަމުން ހީނލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގައިލީ ރިފާދުގެ މޫނުމަތީގައި ފައުޅުވެފައިވާ ހައިރާންކަން ފޮރުވުމުގެ ބޭނުމުގައެވެ.
"ހެހެ. ބަލާބަލަ! ކޮއްކޮ އުޅޭ ގޮތް. ޔަޤީނޭ އެ އުޅެނީ ނާއިކު ފެނިގެން ކޮންމެވެސް ތާކުން. އޭނައަށް ފެނިފަ ހުރި މީހެއް ދެން ފެނުނީމަ ވާނެ ހަ އެތި އެ ވަނީ ކަން ނޭނގެ." ރީޝާ ހެމުން ގެންދިޔައީ ގަދަކަމުންނެވެ. ރިފާދު އެއްވެސް އެއްޗެއް ނުބުނެ ހަމަ އިނީ މަޑުންނެވެ. ނަމަވެސް އޭނާގެ ހިތަށް ދިޔައީ އެތައް ސުވާލު ތަކެއް ފުނި ޖެހެމުންނެވެ. ރިފާދަށް ޔަޤީން ވާ ކަމަކީ އެއީ ހަމަ އޭނަ ކަމެވެ. ގޭގެ ދޮރާށި ކައިރީގައި ހުރި މީހާއެވެ. ދެބައި އުމުރުގެ އަންހެނަކާ އެކު ވާހަކަދައްކަމުން ދިޔަ އިރު، ސިއްރު ސިއްރުން އެ އަންހެން މީހާގެ އަތުގައި ހިފައިލަމުން ދިޔައީ ހަމަ އޭނައެވެ. ނަމަވެސް އެ މީހާ މި ގޭގައި، މި ކުރަނީ ކީއް ކަމެއް އެއީ ރިފާދަށް ނޭނގޭ ކަމެކެވެ. އެ މަންޒަރު ފެނިގެން ރީޝާއަށް އެވީ ގޮތް، އެއީ ރިފާދަށް ނޭނގޭ ސިއްރެކެވެ. ނަމަވެސް މިހާރު މަޑުމަޑުން މި ވާން އުޅޭ ގޮތް ރިފާދުގެ ބޮލުގެ ތެރެއަށް ދިޔައީ ވަންނަމުންނެވެ.
"ސާބަސް ކޮއްކޯ! އެއީ އަހަރެމެންގެ މިނިސްޓަރޭ. އައި މީން. މީ ޒުވާނުންނެއްނު. އެއީ ޔޫތު މިނިސްޓަރު. ކޮއްކޮއަށް ފެނިގެން ތި އުޅެނީ ނާއިކު. އެހެންވެ.." ރީޝާ ފުންކޮށް ނޭވާއެއް ލިއެވެ.
"އެއީ ނާއިކު.. އައިޝާގެ ހަސްބެންޑް.." ރީޝާ އިތުރަށް ނާއިކު ތަޢާރަފް ކޮށްލަ ދިނެވެ. އެއާއި އެކު ރިފާދަށް މިވީ ގޮތް ޔަޤީންވެ ކަށަވަރު ވިއެވެ. ރިފާދުގެ ތުންފަތުން ދުވެލީ އޭނާ ވަރަށް މަސައްކަތުން ތުންފަތަށް ގެނުވި ހަރަކާތަކުން އުފެދުނު ހިނިތުންވުމެކެވެ. ނާއިކު އައިސް އިށީީންދެލީ އެމީހުންގެ ތެރޭގައެވެ. އައިޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުން އިނަސް، އޭނާއަށް ހުރިހާ ކަމެއް އެނގޭ ކަހަލައެވެ. ރީޝާގެ ފަރާތުން ދެންމެ ފެނިގެން ދިޔަ ކަންކަމަކީ ވެސް އައިޝާއަށް ލިބުނު ހައިރާން ކަމެކެވެ. ރީޝާގެ އަމަލުތައް ހުރީ ކަމެއް ސިއްރު ކުރާ ފަދައިންކަން އައިޝާއަށް ދިޔައީ ރޭކައިލަމުންނެވެ. ނަމަވެސް އެމީހުންގެ ތެރޭގައި އައިޝާ އިނީ ކެތްކޮށްލައިގެންނެވެ. ނާއިކުގެ އަގު ހިފަހައްޓަމުން، އައިޝާ ވާހަކަދެއްކިއެވެ.
ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. ނަމަވެސް ޖަންނަތުގެ ހިތަށް އެއްވެސް ފަސޭހަ ކަމެއް ނުލިބެއެވެ. ޖަންނަތުގެ ހިތަށް ސަވާރުވެގެންފައި ވަނީ ދަރި ވައްޓައިލުމުގެ ޝައިތާނީ ވިސްނުމެވެ. އެ ވިސްނުމުގައި އެކަމަށް އެދެވި، ބައެއް ކަންކަން ވެސް ޖަންނަތަށް ކުރެވިއްޖެއެވެ. އެގޮތުން ގިނަ އަދަދަކަށް އެނާރޖީ ޑްރިންކްތައް ބޭނުންކޮށް، ދެތިން ކޯކް ފުޅި ވެސް ބޮއިލެވެއްޖެއެވެ. އޭގެ ސަބަބުން އެއްފަހަރު ބަނޑަށް ތަދުވުން ނޫން، އިތުރު ކަމެއް އޭނާއަކަށް ނުވިއެވެ.
ޖަންނަތުގެ ބޮލުގައި އެނބުރެމުން ދިޔައީ ތަފާތު ޚިޔާލުތަކެވެ. ދަރިވައްޓައިލަން އިންތިހާއަށް ޖަންނަތަށް އެދެވެން ފެށުނީ ޒަހީންގެ އުނދަގޫތައް ބޮޑުވުމުންނެވެ. އިސްލާހުވެ، ލަބީބާ އެކުގައި ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ފަދަ ވިސްނުންތައް ޖަންނަތުގެ ބޮލަށް ސަވާރުވެގަތީ ވެސް ޒަހީންގެ ސަބަބުންނެވެ.
***
"އަހަރެން މިހުރީ ހައިރާންވެފަ. ބުނާނެ އެއްޗެއް ވެސް ނޭނގިފަ." ރިފާދު ވާހަކަދައްކަމުން ދިޔައީ އެމީހުންގެ ގޭގައި ތިބެގެންނެވެ. ރިފާދުގެ ގާތުގައި ރީޝާ އިނެވެ.
"ޔޫތު މިނިސްޓަރޯ! ސަހަރޯ ހީވޭ.. އެއީ ކޮންކަހަލަ މިނިސްޓަރެއް؟ އެއީ މިނިސްޓަރުން އުޅޭ ގޮތްތަ؟" ރިފާދު ވާހަކަދައްކަމުން ދިޔައީ ޖެއްސުމުގެ ރާގެއްގައި ހިތްހަމަ ނުޖެހިގެންނެވެ.
"އަހަރެން ނުދެނެ ހުރިން އެއީ މިނިސްޓަރު ކަމެއް. އެއީ ވަރަށް ފަހުން މިނިސްޓަރަކަށް ވީ މީހެއްތަ؟ ސައިކަލުގަ ދަންވަރު، އެއްވެސް ސެކިޔުރިޓީއެއް ނެތި އުޅޭ މިނިސްޓަރެއް؟ އެކަހަލަ މިނިސްޓަރުން އުޅޭތަ؟ ހެހެ؟" ރިފާދު ހިނިގަނޑެއް ޖަހައިލިއެވެ.
***
ކުއްލިއަކަށް ޖަންނަތަށް ފޯނަށް ބަލައިލެވުނީ އޭނާގެ ވައިބަރަށް އައި ނޮޓިފިކޭޝަނަކުންނެވެ. ވަރަށް އަވަހަށް ޖަންނަތު ވައިބަރު ހުޅުވައިލުމަށްފަހު، ދެލޯ ހިންގައިލީ ލިބިފައިވާ މެސެޖަށެވެ. ފެނުނު މަންޒަރުން ޖަންނަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ ހާސްވެ، މުޅި މީހާ ހުއްޓުން އެރިއެވެ. ޖަންނަތުގެ އަތުގައިވާ ފޯނު ދޫވެގެން ވެއްޓުނީ ކޮޓަރިތެރެއަށެވެ. (ނުނިމޭ)