ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
މެއި ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ މައުލޫމާތު އިލްޔާސް ލަބީބަށް ކުރީން އެނގިފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދިނުމުގެ ގޮތުން އޭނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު އޮފް ޑިފެންސް އާ ގުޅާ ނަޝީދުގެ އިރުޝާދާއެކު އެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް އަރުވަނީ ކަމަށް ދަންނަވައި ލިބިފައި ހުރި މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާ ކުރުމުން އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްއަށް ހިއްސާ ކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެއެވެ،" އިލްޔާސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިލްޔާސް މިހެން ވިދާޅުވީ އޭނާ އެ މައުލޫމާތު ހިއްސާ ކުރެއްވުމުން އެކަން ކޮމިޝަނަރު އޮފް ޕޮލިސްގެ ސަމާލު ކަމަށް ގެނައުމަށް އިލްޔާސް އަރިހު ދެންނެވި ކަމަށް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ކަަމަށް ރިޕޯޓް ކޮށްފައިވާތީއެވެ.
އިލްޔާސް ވިދާޅުވީ ނަޝީދަށް ހަމަލާދިން މައްސަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ މައުލޫމާތާއި އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.