ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

ރައީސް ހޯއްދަވަނީ ރިޔާސީ ކޮމިޝަން އުވާލެވޭނެ ގޮތެއް: އިދިކޮޅު

އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށް އެ ލިސްޓް އާންމުކޮށްފައިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމުން އެ ކޮމިޝަން އުވާލާނެ ގޮތެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލިބުނު ނުވަތަ އެކި ގޮތްގޮތުން މަންފާ ލިބުނު ކަމަށް ބުނާ 281 މީހެއްގެ ނަން ހިމަނާފައިވާ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އެއީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ލިސްޓެކެވެ. ނަމަވެސް އެ ލިސްޓް މަޖިލީހުން އާންމުކޮށްފައިވަނީ ތަހުގީގު ނުނިމެނީހެވެ.

ލިސްޓްގައި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި އެ ޕާޓީގެ ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ހިމެނިފައިވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް ދެ އަހަރާއި ބައި ވެގެން ދިޔަ އިރު އެ ކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް އެ މީހުންނާ ސުވާލު ކުރުމެއް ނެތި އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެ ލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަ ހާމަވެގެންދާ ކަމަށެވެ. އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 281 މީހެއްގެ ނަންތައް ހިމެނިފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި މީހުންގެ ނަންތައް އެ ލިސްޓުގައި ނެތް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުންވެސް މި ހިޔާނާތުގައި ބައިވެރިވި މީހުންނަށް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"... އާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި އިންތިހާބުތަކަށް ހަރަދު ކުރާ ފައިސާ ޕާޓީތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން. އެގޮތުން މި ޕާޓީއަށްވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދެ. އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ހަރަދު ކޮށްފައި. ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިހާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ހަރަދުކޮށްފައި ވާނެ. އަދި އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީޕީއެމްގެ އޭރުގެ ނާއިބު ރައީސް އަހްމަދު އަދީބު. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭ ކަމެއް ޕާޓީއަށް އެނގިފައެއް ނުވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ފާހަގަ ކުރަން،" ހިޔާނާތުގެ ފައިސާ ޕީޕީއެމަށް ހަރަދު ކޮށްފައިވާ ކަމަށް އަދީބު ކުރައްވާ ތުހުމަތުތަކަށް ޖަވާބުދީ އެ ބަޔާނުގައިވެއެވެ.

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އާއި ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށް ފަހު ކަމަށާ އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށް ފަހުކަމާއި އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަންވެސް ފާހަގަ ކުރަން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާން | މެއި 14، 2021

މި ބަޔާނުގައި ވަނީ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި ހިޔާނާތުގައި ޝާމިލުވެފައިވާ އެންމެނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ. އަދި ލިސްޓު އާންމު ކުރިއިރު އެ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެ މީހުންނަށް އެނގުމެއް ނެތި ހިމަނާފައިވާތީ އެމީހުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފައެވެ.