ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓް ކޮށްގެން ފަރުވާ ދޭން މީހުންގެ އަދަދު އިތުރު ވެފައި ވާއިރު މިވަގުތު ވެސް ހަތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. މިއީ އެންމެ ގިނަ ބަޔަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ވަގުތެވެ.
އެޗްއީއޯސީން ބުނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. ހަތް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. އޭގެ ތެރެއިން ޑީއެޗް 11 ގައި ހަތް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށަް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ތިން މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 244 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަތް މީހަކަށް ޑީއެޗް 17 ގައި ހަ މީހަކު އަދި ޑީއެޗް 16 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 11 މީހަކު އައްޑޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކު އަދި ށ. ފުނަދޫ ފެސިލިޓީގައި ހަތް މީހަކަށް ލ. ގަން ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 272 މީހަކަށް ފަރުވާ ދެނީ ވޯޑްގަ އެވެ.
ކޮވިޑް މަރު 92 އަށް، އަހަރުގެ 41 ވަނަ މަރު
ކޮވިޑްގައި މިދިޔަ 24 ގަޑިއިރުތެރޭ ފަސް މީހަކު ވަނީ މަރުވެފަ އެވެ. އިއްޔެ ފުރަތަމަ މަރުވީ އުމުރުން 86 އަހަރު މީހެއް ކަމަށެވެ. އޭގެ ފަހުން 64 އަހަރުގެ މީހަކުވެސް މަރުވިއެ ވެ. އެ ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.
އެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.
އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ރޭ 11:53 ގަައި މަރުވެފައިވަނީ 63 އަހަރުގެ ދިވެހި އަންހެނެކެވެ.
ރޭގެ މަރާއެކު މި މަހުގެ މަރުގެ އަދަދު ވަނީ 19 އަށް އަރާފައެވެ. މިއީ މި އަހަރުގެ 41 ވަނަ މަރެވެ. މިދިޔަ އަހަރު ކޮވިޑްގައި މަރުވެފައިވަނީ 51 މީހެކެވެ.
މޮނިޓަރިންގައި 48 ރަށެއް
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާވެފައި ވާއިރު 48 ރަށެއް މިހާރު އޮތީ ކޮވިޑް ފެނިގެން ބަންދު ކޮށްފައެވެ.
އެއީ ޅ. ނައިފަރާއި، އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށާއި ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އާއި ށ. ޅައިމަގާއި ރ. ހުޅުދުއްފާރު އަދި ގދ. ގައްދޫވެސް އޮތީ ބަންދުކޮށްފައެވެ.
އަދި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީ އާއި އއ. ފެރިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ށ. ކަނޑިތީމާއި ށ. ގޮއިދޫ އާއި ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ދާންދޫ އާއި ޅ. ހިންނަވަރު އަދި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫގެ އިތުރުން ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫވެސް އޮތީ ބަންދުކޮށްފައެވެ.
ކޮންމެ ފަސް މީހަކު އެކަކު ޕޮޒިޓިވް
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިދިޔަ ހަތަރު ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ. ބައެއް ދުވަސް ދުވަހު 1500 އިން މައްޗަށްވެސް ނަންބަރު އަރައެވެ. 1400 އާއި 1200 މީހުންވެސް ޕޮޒިޓިވްވެފައިވެއެވެ. ނަންބަރު ހާހުން މަތީގައި ހުރީ ބެކްލޮގެއް އޮތުމުންނެވެ. ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ 800 އިން މަތީގައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ފަސް ސާމްޕަލަކުން އެއް ސާމްޕަލް ޕޮޒިޓިވްއެވެ. އާންމުކޮށް ކޮންމެ ދުވަހަކު ރާއްޖޭގައި ޓެސްޓް ކުރަނީ 5،000 ސާމްޕަލް އެވެ. އޭގެތެރެއިން ހާހެއްހާ މީހުން ޕޮޒިޓިވްވާއިރު އެއީ ކޮންމެ ފަސް ސާމްޕަލަކުން އެއް ސާމްޕަލް އެވެ. އެ ނަންބަރު އެއަށްވުރެވެސް މައްޗަށް ދާ ދުވަސްތައް ގިނައެވެ.
- މެއި 8 - 509 މީހަކު ޕޮޒިޓިވް
- މެއި 9 - 1091 މީހަކު ޕޮޒިޓިވް
- މެއި 10 - 1204 މީހަކު ޕޮޒިޓިވް
- މެއި 11 - 1501 މީހަކު ޕޮޒިޓިވް
- މެއި 12 - 1572 މީހަކު ޕޮޒިޓިވް
- މެއި 13 - 1216 މީހަކު ޕޮޒިޓިވް
- މެއި 14 - 1467 މީހަކު ޕޮޒިޓިވް
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.
އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.
އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.