އިޒްރޭލުގެ އިސްތިއުމާރީ ނުފޫޒުން ފަލަސްތީނުގެ މުޅި ގާޒާ ބަންދުކޮށް ވަޔާއި އެއްގަމުން ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 136 އަށް އަރައިފި ކަމަށް ފަލަސްތީން ހެލްތު މިނިސްޓްރީން ބުނެފި އެވެ. މަރުވި މީހުންގެ ތެރޭގައި 38 ކުދިންނާއި 22 އަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާ 950 މީހުންނަށް ލިބިފައި ވެއެވެ.
ގާޒާގެ އުތުރަށް އިޒްރޭލުން ދޭ ހަމަލާތައް ވަނީ އިތުރު ކޮށްފަ އެވެ. މިސްކިތެއް، ސްކޫލެއް އަދި ސިނާއީ މަރުކަޒެއް ނުބަލައި ބޮން އެޅުމުގެ ސަބަބުން ޣައްޒާގެ އާންމު ދިރިއުޅުމުގެ ހާލަތު މިފަހަރު އަހަރުތަކެއް ފަހަތަށް ސޮހިގެން ދާނެ އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން އިޒްރޭލުން ސުންނާފަތި ކޮށްފައިވާ އިމާރާތްތަކުން ސިމެންތި ކުނޑިތަކުގެ ތެރެއިން ވެސް މީހުން ސަލާމަތް ކުރަމުން އެބަ ދެއެވެ. އޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކާ އެކު ވެސް ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އިޒްރޭލު ބާރުގަދައެއް ކަމަކު މިފަހަރު ކުރިމަތިލާންޖެހިފައި ވަނީ އަސްކަރީ ފިކުރުގައި ނެތް ވަރުގެ ޕްރެޝަރާ އެވެ. އެއްކޮޅުން ގާޒާއިން ދޭ ހަމަލާތައް އޮބަހައްޓަމުން އަނެއްކޮޅުން ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ވެސް ވަނީ މައިތިރި ކުރަން ޖެހިފަ އެވެ. އިޒްރޭލުގައި ދިރިއުޅޭ އަރަބިން އުތުރިއަރައި މަގުތަކަށް ނިކުމެ އިޒްރޭލު މީހުންނާ ދަނީ ކުރިމަތިލަމުންނެވެ.
ފަލަސްތީން މީހުންގެ ރުޅިވެރިކަމާއި ކަނޑިއެއް ބަޑިއެއް ނެތްއިރު ވެސް އިސްތިއުމާރީ ބާރުތަކާ ކުރިމަތިލާން ކެރުމުގެ ސަބަބުން ގޮތްކެނޑިގައި ތިބި ފުލުހުން ވެސް ވަނީ ކަންބޮޑުވެފަ އެވެ.