ކުއްލިއަކަށް މީހާ ވާހަކަ ދައްކާ އެކްސެންޓެއް ބަދަލެއް އަތުވެއްޖިއްޔާ ވާނެ ގޮތަކާ މެދު ވިސްނާލާށެވެ. މިއީ އޮސްޓްރޭލިޔާ އަންހެނަކަށް ހަމަ ހަގީގަތުގައި ވެސް ދިމާވެފައިވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ޚުދް އޭނާގެ ވިސްނުން ވަނީ އޮޅުން ބޮޅުން ވެފަ އެވެ. މި އަންހެންމީހާގެ ޓޮންސިލް ނެގިފަހުން އޭނާއަށް ވާހަކަ ދެއްކެނީ މުޅީން އެހެން ރާގަކަށެވެ. މިހާރު އޭނާއަށް ވާހަކަ ދެއްކެނީ އައިރިޝް އެކްސެންޓް އަކަށެވެ.
ޖީ މެކްޔެން ނަމަކަށް ކިޔާ މި އަންހެންމީހާ ވަނީ އޭނާގެ މި ތަޖުރިބާ ވީޑީއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ކުރިން އޮސްޓްރޭލިއަން އެކްސެންޓުން ވާޙަކަ ދައްކާ މީހެކެވެ. ނަމަވެސް ޓޮންސިލް ނަގަން ކުރި އޮޕަރޭޝަނަކަށް އެންމެ ދެ ދުވަސް ވީއިރު އޭނާގެ އެކްސެންޓް ވަނީ ބަދަލުވެފަ އެވެ. މިހާރު އޭނާއަށް ވާޙަކަ ދެއްކީ އައިރިޝް އެކްސެންޓުންނެވެ.
މި ވީޑީއޯ ކެޕްޝަންގައި އެމީހާ ލިޔެފައިވާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން އޭނާ ހެނދުނު ހޭލިއިރު ވާހަކަ ދެއްކޭ ރާގަށް އައިސްފައިވާ ބަދަލުން އޭނާ ހީކުރީ ފާޑެއްގެ ހުވަފެނެއް ފެންނަނީ ކަމަށެވެ. އޭނާއަށް މި ކުރެވޭ ތަޖުރިބާ އަކީ ހަގީގަތެއް ނޫން ކަމަށެވެ.
އެހިސާބުން އޭނާ މިކަމާ ގުޅޭ ގޮތުން ރިސާޗްކޮށް ކޮންމެ ދުވަހަކު އޭނާގެ ވާޙަކަ ދެއްކުމުގެ ރާގަށް އަންނަ ބަދަލު ރެކޯޑް ކުރަން ފެށި އެވެ. މިހެން މިކަންކުރަން ފެށުމުން އޭނާއަށް ފާޙަގަ ކުރެވުނީ އޭނާ އަސްލު ވާހަކަ ދައްކަމުން އައި އޮސްޓްރޭލިއަން އެކްސެންޓް މަޑުމަޑުން ފަނޑުވެ އައިރިޝް އެކްސެންޓްގެ ބާރު ގަދަވަމުންދާ ކަމެވެ.
މެކްޔެން ވަގުތުން ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ފޮރިން އެކްސެންޓް ސިންޑްރޯމް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެއެވެ. މިއީ ސިކުނޑިއަށް ލިބޭ ގެއްލުމަކުން ދިމާވާ ހާލަތެއް ކަމަށާއި 1907 ވަނަ އަހަރުން ފެށިގެން ދުނިޔޭން މިފަދަ މައްސަލައެއް ދިމާވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ އެންމެ 100 ވަރަށް މީހުން ކަމަށް ވެސް ޑޮކްޓަރުން މެކްޔެން ކައިރީ ބުންޏެވެ.
އެންމެ މަޖާ ކަމަކީ މެކްޔެން ދުވަހަކުވެސް އަޔަލެންޑަށް ދަތުރުކޮށްފައި ނުވާ ކަމެވެ. އެހެންވީމާ އައިރިޝް އެކްސެންޓަކީ އެއްވެސް ވަރަކަށް އޭނާއަށް އެ ރާގެއް އެނގޭ ބަހުރުވައެއް ނޫނެވެ.
މެކްޔެން ވަނީ ޓޮންސިލް އޮޕަރޭޝަން ކުރިތާ ދެ ވަނަ ދުވަހު އޭނާއަށް އޮސްޓްރޭލިޔާ އެކްސެންޓުން އެކުވެރިޔާ ވާހަކަ ދެއްކެނިކޮށް ރެކޯޑްކޮށް ޝެއާ ކޮށްފަ އެވެ. ވިޑިއޯގައި ވެސް ފާހަގަކުރެވުނު އެއް ކަމަކީ ވާހަކަ ދައްކަމުން ދަނިކޮށް ވަކި ހިސާބަކުން އޭނާގެ އަޑު އައިރިޝް އެކްސެންޓަށް ބަދަލުވާތީ އެވެ.
އޮޕަރޭޝަނަށް ގިނަ ދުވަސްވާ ވަރަކަށް އޭނާގެ އޮސްޓްރޭލިއަން އެކްސެންޓް މުޅިން ފަނޑުވެގެން ދާކަމަށް މެކްޔެން ބުންޏެވެ. އެހެން ގޮސް އެއްގޮތަކަށް ވެސް އޮސްޓްރޭލިޔަން އެކްސެންޓް ނެތް ވަރަށް އޭނާގެ ވާޙަކަ ދެއްކުން ބަދަލުވެފައިވާޚަމަށް މެކްޔެން ބުންޏެވެ.
މިކަން ރަނގަޅު ކުރެވޭތޯ ދައްކާނެ ނިއުރޮލޮޖިސްޓެއް މިހާރު މެކްޔެން އަށް ފެނިއްޖެ އެވެ. މި ނިއުރޮލޮޖިސްޓަކީ ސްޓްރޯކް ރިހެބިލިޓޭޝަންގެ ރޮނގުން ޚާއްސަ ވެފައިވާ ޑޮކްޓަރެކެވެ. މެކްޔެންގެ އުންމީދުތަކީ މި ޑޮކްޓަރުގެ އެހީގައި އޭނާގެ އޮރިޖިނަލް ރާގު އަނބުރާ ލިބުމެވެ.