ލައިފްސްޓައިލް

ކާރެއް ގަންނަން ވެގެން ތިން މަހުގެ ދަރިފުޅު ވިއްކާލައިފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ދެމަފިރިއަކު އެމީހުންގެ ތިން މަސްވީ ތުއްތު ދަރިފުޅު ވިއްކާލައިފި އެވެ. އެ ކުއްޖާ ވިއްކާލީ 1.5 ލައްކަ އިންޑިއާ ރުޕީސް އަށެވެ. މި މީހުން ކުއްޖާ ވިއްކާލީ މީހަކު ގެންގުޅެފައި އޮތް ބާ ކާރެއް ގަންނާށެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ދެމަފިރިން ކުއްޖާ ވިއްކާލިކަން އެނގުނީ އެ ކުއްޖާގެ މަންމަ ފަރާތު މާމަ އާއި ކާފަ އަށް މިކަން އެނގިގެން މިދޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީމުންނެވެ.

ކުއްޖާގެ މާމަ އާއި ކާފަ ފޮލިސް ސްޓޭޝަނަށް ގޮސް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާ 1.5 ލައްކަ ރުޕީސް އަށް ގުރައިސައިގަންޖްގެ ވިޔަފާރިވެރިއަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި ކުއްޖާ ވިއްކާލީ ބާ ކާރެއް ގަންނަން ވެގެން ކަމަށެވެ.

އިންސްޕެކްޓާ ކޯޓްވާލީ ޝައިލެންދުރަ ކުމާރު ބުނި ގޮތުގައި ކުއްޖާ އަދިވެސް އޮތީ ވިޔަފާރިވެރިޔާގެ ބެލުމުގެ ދަށުގަ އެވެ.

"އަހަރެމެން މިހާރު ވިޔަފާރިވެރިޔާ އާއި އޭނާގެ އަންހެނުންނަށް ގުޅައިފިން. އަދި ޕޮލިސް ސްޓޭޝަނަށް އަންނަން އަންގައިފިން،" އިނިސްޕެކްޓަރު ބުންޏެވެ.