ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ދިއްދޫ އާއި ޕޮލިސް ކުލަބު މޮޅުވެއްޖެ އެވެ.
ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު މޮޅުވީ ނައިފަރު ޖުވެނައިލްއާ ވާދަކޮށް 3-1ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ދިއްދޫ ޓީމުން ގެންދިޔައީ ޖުވެނައިލް އަށް ނުވަ ޕޮއިންޓް ދީފަ އެވެ. އެކަމަކު ޖެހިގެން އައި ސެތް ޖުވެނައިލް 25-22 އިން ކާމިޔާބުކުރި އެވެ. އަދި ޖެހިގެން އައި ދިއްދޫ ޓީމު ކާމިޔާބު ކުރީ 19-25 އަދި 15-25އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްދޫގެ ބިދޭސި ކުޅުންތެރިޔާ ހަނާ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗު ޕޮލިސް ކާމިޔާބު ކުރީ ފޮނަދޫ ޒުވާނުންގެ ރޫހާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓްތައް ޕޮލިސް ގެންދިޔައީ 20-25، 15-25 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ބިދޭސި ކުޅުންތެރިޔާ ކޮޕިލާ އެވެ.
ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވާ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގުޑީސް އާއި މަތިމަރަދޫ އެވެ. މިރޭ ކުޅޭނީ ޕޯލްސްޓާ އާއި ފޮނަދޫ އެވެ.
މި މުބާރާތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.