ދުނިޔެ

ޝޮކްޖެހި ބިރުގެންފި: އެސޯސިއޭޓް ޕްރެސް

ޣައްޒާ ސީޓީގައި ހުންނަ އެމެރިކާގެ އެސޯސިއޭޓް ޕްރެސް (އޭޕީ) އޮފީސް އިމާރާތަށް އިޒްރޭލުން ހަމަލާދީ ބިމާހަކޮށްލައިފި އެވެ. ގަތަރުގެ އަލްޖަޒީރާ އޮފީހާއި ބައިނަލްއަގުވާމީ އެހެން މީޑިއާތައް ވެސް 13 ބުރީގެ އަލްޖާލާ ޓަވަރުގައި ހުރެ އެވެ.

ދުނިޔޭގެ މީޑިއާ އޭޖެންސީތަކުން ބުނާ ގޮތުން އަލްޖާލާ ޓަވަރު ހިމެނެނީ ޣައްޒާގައި އެންމެ ދުވަސްވީ އުސް އިމާރާތްތަކުގެ ގެރޭގަ އެވެ. މިއިމާރާތުގައި 60 ޔުނިޓް ހުންނައިރު ލީގަލް ފާމްތަކާއި ޑޮކްޓަރުންގެ އެޕާޓްމަންޓްތައް ވެސް ހުރެ އެވެ.

އެސޯސިއޭޓް ޕްރެސްއިން ބުނީ އިޒްރޭލުން އެމީހުންގެ މީޑިއާ އޮފިސް އިމާރާތަށް މިސައިލުން ހަމަލާދިނުމަކީ ބަލައިގަންނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހިނގައިދިއަ ގޮތް ސާފުކޮށްދޭން އިޒްރޭލުގައި އެދިފައިވާނެ ކަމަށެވެ.

"އަލްޖަޒީރާ އާއި އޭޕީ ފަދަ ދުނިޔެއަށް މަޝްހޫރު މީޑިއާ އޮފީސްތަކެއް ހިންގާ އިމާރާތަކަށް އިޒްރޭލުން ހަމަލާދިނުމަކީ ވަރަށް ބޮޑު މައްސަލައެއް،" އޭޕީގެ ސީއީއޯ އަދި ރައީސް ގެރީ ޕްރޫޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމާރާތް ވެއްޓި އަޅީއަށް ވެގެންދިއަތަން ދެކެވަޑައިގެންނެވި ކަމަށާއި އެމަންޒަރު ސިފަކޮށްދެއްވަން އެނގިވަޑައިނުގަނަންވާ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ދަންނަވައިގެން،" ސީއީއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝޮކްޖެހި ބިރުގެންފައި ހުންނެވި ކަމަށާއި ލޯމައްޗަށް އަބަދު ސިފަވަނީ އެމަންޒު ކަމަށެވެ.

އޭނާ ވިދާޅުވީ އިމާރާތުން ނިކުތުމަށް އިޒްރޭލުން ދިނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި އެއިރު އޮފީހުގައި ނޫސްވެރިން މަސައްކަތުގައި އަވަދިނެތި އުޅޭ ކަމަށެވެ. އަދި ވިދާޅުވީ ޣައްޒާއަށް އިޒްރޭލުން ދޭ ގެއްލުން ދުނިޔެއަށް ނޭނގޭ ކަމަށާއި ނޫސްތަކަށް ވެސް ކަވަރުކުރެވެނީ މަދުމިންވަރެއް ކަމަށެވެ.

"ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރޭ،" ސީއިއޯ ވިދާޅުވި އެވެ. "ބާރުގަދަ ގައުމުތަކުން މިކަމަށް އަވަސް ހައްލެއް ނުހޯދައިފި ނަމަ އިޒްރޭލުން މުޅިތަން ސުންނާފަތިކުރާނެ" އޭނާ ވިދާޅުވީ ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ގެއްލުންތައް އަންދާޒާކުރަން ވެސް ނޭނގޭނެ ކަމަށެވެ.