ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން މާބަނޑު 50 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ މާބަނޑު 50 ވުރެ ގިނަ މީހުންނަށް މިވަގުތު ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ އޮތީ ވެންޓިލޭޓަރުގައެވެ.
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާ ގުޅޭ މަޝްވަރާތަކެއް މީގެ ކުރިން ހިނގާފައިވެއެވެ. އައިޖީއެމްއެޗްގެ ޑައިޓީޝަން ޑރ. އާސިޔާ އަބްދުއްރަހީމް ޓްވީޓާގައި ފާޅު ކުރެއްވި ޝުއޫރަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވަނީ މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އާސިޔާ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ހަނގުރާމަ ކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުދިންނާ ދޭތެރޭ ވިސްނޭ ކަމަށެވެ. އޭނާ އިނީ ބަލިވެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ފައިސަލްގެ ވާހަކަތަކާއި ގުޅިގެން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުންތައް މިވަގުތު ޗެއާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މާބަނޑު މީހުންނަށް ފަައިޒާ ވެކްސިން ދިނުމާއި ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
ފައިޒާ ވެކްސިނަކީ 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާލަތުގައިވާ ކުދިންނަށް ވެސް ފައިޒާ ވެކްސިން ދިނުމަށް ނިންމާ މިިދިޔަ މަހުގެ 11 ވަނަ ދުވަހު އެ ވެކްސިން ދޭން ވަނީ ފަށާފައެވެ.
ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިންގެ 5,850 ޑޯޒުގެ ތެރެއިން އަދިވެސް 4،000 ވުރެ ގިނަ ޑޯޒް ބާކީ އެބަހުއްޓެވެ.