ދުނިޔެ

މީޑިއާ ހިމާޔަތް ކުރުމަކީ އެންމެ ބޮޑު ޒިންމާ: އެމެރިކާ

މިނިވަން މީޑިއާ އާއި ނޫސްވެރިން ހިމާޔަތް ކުރުމަކީ ބޮޑު ޒިންމާއެއް ކަމަށާއި މިކަން ބަލައިގަތުމަށް އެމެރިކާއިން އިޒްރޭލަށް އަންގައިފި އެވެ. އެމެރިކާއިން މިހެން ބުނެފައި ވަނީ ފަލަސްތީނުގެ ގާޒާ ސިޓީގައި ހުންނަ 13 ބުރީގެ އަލްޖާލާ ޓަވަރަށް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓު ފަހަރުން މިސައިލް ހަމަލާދީ ބިމާ ހަމަކުރުމާ ގުޅިގެންނެވެ. ގަތަރުގެ އަލްޖަޒީރާ އާއި އެމެރިކާގެ އެސޯސިއޭޓް ޕްރެސް ފަދަ ދުނިޔެ ބަލައިގެންފައިވާ މީޑިއާ އޮފީސްތައް ހިންގަނީ އެ އިމާރާތުގަ އެވެ.

"އަޅުގަނޑުމެން އެކަމާ ސީދާ އިޒްރޭލާ ވާހަކަ ދައްކައިފިން،" ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މީޑިއާތައް ހިމާޔަތް ކުރުމަކީ ބޮޑު ޒިންމާއެއް ކަމަށާއި ނޫސް އޭޖެންސީތަކާއި ނޫސްވެރިންގެ ރައްކާތެރިކަން އިޒްރޭލުން ކަށަވަރުކުރަން ޖެހޭ ކަމަށް އޮފިޝަލުންނަށް ދެންނެވި ކަމަށެވެ.

އިޒްރޭލުން އެސޯސިއޭޓް ޕްރެސްގެ އޮފީހަށް ދިން ހަމަލާ ކުށްވެރިކޮށް އެއޭޖެންސީން ވަނީ ބަޔާނެއްގައި ނުރުހުން ފާޅުކޮށް ބިރުވެރި ކަމެއް ގޮތުގައި ސިފަކޮށްފަ އެވެ.

"އަލްޖަޒީރާ އާއި އޭޕީ ފަދަ ދުނިޔެއަށް މަޝްހޫރު މީޑިއާ އޮފީސްތަކެއް ހިންގާ އިމާރާތަކަށް އިޒްރޭލުން ހަމަލާ ދިނުމަކީ ވަރަށް ބޮޑު މައްސަލައެއް،" އޭޕީގެ ސީއީއޯ އަދި ރައީސް ގެރީ ޕްރޫޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމާރާތް ވެއްޓި އަޅިއަށް ވެގެން ދިޔަތަން ދެކެވަޑައިގެންނެވި ކަމަށާއި އެ މަންޒަރު ސިފަ ކޮށްދެއްވަން އެނގިވަޑައިނުގަނަންވާ ކަމަށެވެ.

އަލްޖަޒީރާއިން ވެސް ވަނީ ނޫސް އޭޖެންސީތަކާއި ނޫސްވެރިން ހިމާޔަތް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފަ އެވެ. އަދި ބުނީ ނޫސްވެރިން ކުރަނީ އެންމެންގެ މަސައްކަތެއް ކަމަށާއި ނޫސް އޭޖެންސީތައް ހިމާޔަތް ކުރުމަކީ އެންމެގެ ޒިންމާއެއް ކަމަށެވެ.