އެސްޓީއޯ

އެސްޓީއޯގެ އޭޖީއެމް މިމަހު 31 ގައި

May 16, 2021

ސަރުކާރު ފިހާރަ، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެ ކުންފުނިން ބުނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބާއްވާ އަހަރީ އާއްމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ.

އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ މާލީ ބަޔާން ފާސް ކުރުމާއި މި އަހަރު އެ ކުންފުނި އޮޑިޓް ކުރަން ނަގާ އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުން އޮންނާނެ އެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ނިންމި ހިއްސާގެ ފައިދާ ފާސް ކުރުން ވެސް އޮންނާނެ އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 60ރ. ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސް ކޮށްފަ އެވެ. އެ އަދަދަކީ 2019 ވަނަ އަހަރު އެ ކުންފުނިން ހިއްސާދާރުންނަށް ބެހި 58ރ. އަށްވުރެ ދެ ރުފިޔާ އިތުރު މިންވަރެކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް އެ ކްއާޓަރުގައި ސާފު ފައިދާގެ ގޮތު 91 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކްއާޓަރާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި ނުނެރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި ކްއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރު ވުމެކެވެ.