މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ކައުންސިލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކޮށްފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބުނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހޮވި ވަޑައިގެންފައިވާ އިންތިހާބީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރުވަނަ ދައުރަށް ހޮވި ވަޑައިގެންނެވި މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވީ އެ ނިންމުން ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލަރުން ހުވާކު ރުމުގެ ރަސްމިއްޔާތު މިހާރު ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮންލައިންކޮށް މާދަމާ ކަމަށެވެ. އެ ގޮތަށް ނިންމީ އެޗްޕީއޭއިން އެދިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ހިންގާ ހުރިހާ ހަރަކާތްތަކެއް ވަނީ މަނާ ކޮށްފަ އެވެ.
އެލްޖީއޭއިން ކުރީން ނިންމާފައި އޮތީ ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދާށެވެ. އަދި ފަނޑިޔާރަކު ނެތް ރަށްރަށުގައި ކައުންސިލަރުންނަށް ހުވައިލައި ދޭން ފަނޑިޔާރު ވެސް އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ.