ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށާ ގަައުމު އެދި ގޮވަނީ އެފަދަ ބޭފުޅުންނަށް ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ބާ ކައުންސިލްގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
މާދަމާ އޮންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަކީ އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ގޮނޑިއެވެ. ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ދާއިރާއިން ފާހަގަކޮށްލެވޭ ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. ބައެއް ބޭފުޅުން ގެންދަވަނީ މުއިއްޒުއަށް ތާއީދު ހޯއްދަވައިދެއްވަން މަަސައްކަތް ކުރައްވާ މުއިއްޒުއަށް ތާއީދު ދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.
އަނާރާ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ މުއިއްޒު އަކީ އަދާލަތު ޕާޓީން ސިޔާސީ މަައިދާނަށް ތައާރަފްވި ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ.
"ގައުމުއެދި ގޮވަނީ މިފަދަ ބޭފުޅުންނަށް" މުއިއްޒުގެ މިނިސްޓަރު ކަމުގައި މާލޭ ސިޓީގަައި ހިންގި މުހިންމު ދެ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް އާއި ކިންގް ސަލްމާން މިސްކިތުގެ ފޮޓޯއެއް ހިމަނާ އަނާރާ ކުރެެއްވި ޓްވީޓްގަައި ވިދާޅުވެފައިވެއެވެ.
މުއިއްޒު ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީ ގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް މުއިއްޒު އެވެ.
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން މުއިއްޒާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވައެވެ.