އެލްޖީއޭ

އެލްޖީއޭގެ މެންބަރު ކަމަށް ހުޅުވާލައިފި

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެލްޖީއޭގެ ގާނޫނު ބުނާ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި ޖެންޑާ އިކްއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބި ވަޑައިގެންފައިވާ އަންހެން މެންބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބި ވަޑައިގެންފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރަކު ހިމަނަން ޖެހެއެވެ.

ރައީސް އޮފީހުން ބުނީ މި ތިން ދާއިރާއިން އެލްޖީއޭގެ ބޯޑުގެ މެންބަރު ކަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިމަތިލާން ޖެހެނީ ދިވެހި ރައްޔިތެއް އަދި އުމުރުން 25 އަހަރު ފުރިފައިވާ މީހެކެވެ. މީގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ ޓްރެފިކް ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވެ އެވެ.

އަދި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރާ މަގާމެއް ނުވަތަ ގާނޫނުއަސާސީގައި ބަޔާންކުރާ މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ގާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާއެއްގެ މެންބަރެއް ކަމުގައި ވެގެނެއް ނުވެއެވެ.

ރައީސް އޮފީހުން ބުނީ އެލްޖީއޭގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ކުރިއަށް ގެންދާނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 10 އިން 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.