ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 3:10 ގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށެވެ.
ރޭ ދަންވަރު 2:38 ހާއިރު އުމުރުން 81 އަހަރުގެ ފިރިހެނެއްވެސް މަރުވިއެވެ. އެމީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މީގެ އިތުރުން ފަތިހު 4:30 އެހާކަންހާއިރު އުމުރުން 30 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ. އެއީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ.
މިއަދުގެ މަރުތަކާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 97 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 24 މަރެވެ. މި އަހަރުގެ 46 ވަނަ މަރެވެ.
ރާއްޖެއިން އިއްޔެ ވަނީ އިތުރު 1007 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 43،782 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 793 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 183 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 26 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.