ދުނިޔެ

އިޒްރޭލަށް ދަތުރުކުރުން އެއާލައިންތަކުން މަޑުޖައްސާލައިފި

އިންޓަނޭޝަނަލް އެއާލައިންތަކުން އިޒްރޭލަށް ދަތުރުކުރުން މަޑުޖައްސާލައިފި ކަމަށް ދައުލަތުގެ ރޭޑިއޯއުން ބުނެފި އެވެ. ޣައްޒާއިން އިޒްރޭލަށް އޮއްސަމުން އަންނަ ރޮކެޓް ބައިގަނޑުތަކުން ގެއްލުމެއް ލިބިދަނެ ކަމަށް ބިރުން އެއާލައިންތަކުން މިފިޔަވަޅުއެޅީ އެވެ.

އިޒްރޭލް ރޭޑިއޯއިން ބުނީ މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ހިމެނޭ ކަމަށެވެ. ޣާއްޒާއިން ދޭ ހަމަލާތަކާހެދި ޓެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓްސް ބަންދުކުރަން ޖެހުނެވެ.

އެއާޕޯޓް ބަންދުކޮށް އަދި އިންޓަނޭޝަނަލް އެއާލައިންތަކުން ފުލައިޓްތައް މެދުކަނޑާލުމުން އިޒްރޭލަށް އިގްތިސޯދީ ގޮތުން ބޮޑު ގެއްލެމުއް ލިބޭނެ އެވެ. މިއީ ޣައްޒާގައި އިޒްރޭލުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަކުރާ ޖަމާއަތްތަކާ ހެދި ލިބޭ ގެއްލުމަކަށް ވާތީ މިރުޅިގަނޑު ވެސް އިޒްރޭލުން ޣައްޒާއަށް ބާލާނެ އެވެ.

ހަމާސްއިން ބުނީ އިޒްރޭލްގެ ހަމަލާތަކަށް ރައްދުދޭނީ ރޮކެޓުން ކަމަށާއި ދިން ރައްދަކަށް ރައްދުދޭނެ ކަމަށެވެ. އިޒްރޭލްގެ މީޑިއާއިން ބުނި ގޮތުން ހަމާސްއިން އޮއްސަމުންދާ ރޮކެޓްތައް އަމާޒުވެ އެކިވަރުގެ ގެއްލުން ދަނީ ލިބެމުންނެވެ.

ޣައްޒާއާއަށް އިޒްރޭލުން ބޮންއަޅަން ފެށީ މަސްޖިދުލް އަގްސާގައި ނަމާދަށް ތިބި އާންމުންނަށް އިޒްރޭލު ފުލުހުން ހަމަލާ ދިނުމުން ހިނގި ކުރިމަތިލުންތަކަށް ފަހު އެވެ. އަދި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ އަނިޔާވެރި ކަމަށް ފަލަސްތީން މީހުން ދެކޮޅުހަދާފައި ވަނިކޮށެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ޖަހަގައިގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ދަނީ ގުދުސްގައި ޔަހޫދީން ގެދޮރުވެރިކުރުމަށާއި ސިނާއީ މަސައްކަތަތައް ބިންތައް ވިއްކައި އިމާރާތްކުރަމުންނެވެ.