އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާ ހިއްސާދާރުންނަށް އެކަން އަންގައިފި އެވެ.
އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދަން ނިންމާފައިވަނީ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ފަހި ވޯޓު މެދުވެރިކޮށެވެ.
މިޖަލްސާގައި މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ރުހުން ދިނުމާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރާނެ އެވެ. މީގެއިތުރުން މިއަހަރު އެމްޓީޑީސީގެ އޮޑިޓަރުގެ ގޮތުގައި އޮޑިޓް ފާމެއް ކަނޑައެޅުމާއި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ބެހުމަށް ބޯޑުން ކަނޑައަޅާފައިވާ ހިއްސާގެ ފައިދާ ފާސްކުރާނެ އެވެ.
ހިއްސާގެ ފައިދާ ލިބޭނީ އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ހިއްސާދާރުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން އެކަމަށް ވަކިން ރަޖިސްޓްރީ ވާން ޖެހެ އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 50.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 50 މިލިއަން ރުފިޔާއަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 115 ޕަސެންޓުގެ އިތުރު ވުމެކެވެ.
އެމްޓީޑީސީއަށް 11 އަހަރުގެ ދިގު ތާރީހުގައި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ފައިދާވެފައިވާތީ ހިއްސާގެ ފައިދާގެ ގޮތުގައި 50 ލާރި ބަހަން ނިންމާފައިވެ އެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމް ތަރައްގީކޮށް ޓޫރިޒަމްގެ ހިއްސާ ދިވެހިންނަށް ވާނެ ގޮތެއް ހަދަން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގެ މަގުސަދު ހާސިލް ނުވެ ސަރުކާރުން ދިން ރަށްތަކުން ވެސް މާބޮޑު މަންފާއެއް އެމްޓީޑީސީއަކަށް ނުވެ އެވެ.