ޕީޕީއެމް

ކައުންސިލް ނައިބު ހޮވަން ޕީޕީއެމުން އަމަލު ކުރާނެ ގޮތް އަންގައިފި

ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެފައިވާ މެންބަރުން މާދަމާ ހުވާ ކުރުމަށް ހަމަޖެހިފައިވާއިރު ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި އަމަލު ކުރަންވީ ގޮތް އެ ޕާޓީން އަންގައިފި އެވެ.

ޕީޕީއެމުން ބުނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ މެންބަރެއްނަމަ އެ މެންބަރަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށްވުރެ ގިނަ ނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ވެވޭނަމަ އެ މެންބަރަކަށް ތާއީދުކޮށް ވޯޓު ދިނުމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެއް މެންބަރަކަށްވުރެ ގިނަ ނަމަ އަދި އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާގު ނުވެވޭނަމަ އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ މެންބަރަކަަށް ހުރިހާ މެންބަރުންވެސް ތާއީދުކޮށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ.

ޕީޕީއެމްގެ ތެރޭގައި އެންމެ ބޮޑު ވާދަވެރި ކަމެއް އޮތީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަަަށެވެ. ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝްވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައެވެ.