އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާއަށް ދެމުންގެންދާ މިސައިލް ހަމަލާތައް ސިއްހީ މަރުކަޒަކަށް އަމާޒުކޮށް އިމާރާތަށް ވަރަށް ބޮޑަށް ގެންލުން ދީފި ކަމަށް ފަލަސްތީން ހެލްތު މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީގެ އޮފިޝަލަކު މީޑިއާއަށް ބުނި ގޮތުން ޖެހިޖެހިގެން ދެ މިސައިލް އިމާރާތަށް އަރާފައިވެ އެވެ.
ފަލަސްތީން ހެލްތު މިނިސްޓްރީން ބުނީ ސިއްހީ މަރުކަށް އިޒްރޭލުން ދިން މިސައިލް ހަމަލާގައި އިމާރާތް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށެވެ. އަދި ބުނީ ކުރިން ހިދުމަތްދިން މިންވަރާ ގާތަށް ވެސް ދެން ހިދުމަތް ނުދެވޭނެ ކަމަށެވެ.
އިޒްރޭލުގެ ބޮން އަޅާ ބޯޓު ފަހަރުން ވަނީ ގާޒާގައި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތައް ހިންގާ އިމާރާތްތަކަށް ވެސް ހަމަލާދީފަ އެވެ. އަލްޖަޒީރާ އާއި އެސޯސިއޭޓް ޕްރެސްއަށް ދިން ހަމަލާއަކީ ވެސް މިފައިދައިން އިމާރާތްތަކަށް ދިން ހަމަލާ އެކެވެ.
އިޒްރޭލުން ގާޒާ ވަށާލައި ބަންދުކޮށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި 181 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 52 ކުދިންނާއި 31 އަންހެނުން ހިމެނެ އެވެ.
އިރުމަތީ ގުދުސްގައި މަޝްރަހު އޮބި ނޯވެގެން އުޅެނީ މަސްޖިދުލް އަގްސޯގައި ތަރާވީސް ނަމާދަށް ތިބި ފަލަސްތީންގެ އާންމު ރައްޔިތުންނަށް އިޒްރޭލުގެ ސިކުނޑި އުފުރިފައި ތިބި ފުލުހުން ޖެއްސުންކޮށް މިސްކިތުން ބޭރު ކުރުމާ ގުޅިގެންނެވެ. އަދި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ހަރަކާތަކަށް ފަލަސްތީން އާންމުން ދެކޮޅުހަދައި ކުރިމަތިލުމާ ގުޅިގެންނެވެ.