އެންޑީއޭ

އެންޑީއޭގެ ސީއީއޯ ހަބީބް މަގާމުން ވަކިކޮށްފި

May 16, 2021
2

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ހަބީބް މަގާމުން ވަކިކޮށްފި އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އައްޔަންކުރި ހަބީބް މިއަދު މަގާމުން ވަކިކުރީ އޭނާގެ ޕްރޮބޭޝަން މުއްދަތުގައި ކުރެވުނު މަސައްކަތްތަކާ މެދު އެންޑީއޭގެ ބޯޑުން ހިތްހަމަނުޖެހޭތީ އެވެ.

ހަބީބްގެ ބަދަލުގައި މިއަދު ވަނީ އެންޑީއޭގެ ހިންގުން ވަގުތީގޮތުން އެތަނުގެ ޒިންމާދާރުވެރިޔާ އައިޝަތު ވަހީދާއާ ހަވާލުކުރުމަށް ވެސް ނިންމާފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިމަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.