އެންޑީއޭ

އެންޑީއޭގެ ޗެއާމަނަކަށް ޝަމާއު ހަމަޖައްސައިފި

Aug 12, 2021

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަނަކަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހަމަޖައްސައިިފި އެވެ.

ހިންގުން ވަރަށް ބޮޑަށް ބޮއްސުންލާފައިވާ އެންޑީއޭގެ ބޯޑުގެ ޗެއާމަނަކަށް ޝަމާއު ހަމަޖެއްސެވި ނަމަވެސް އެތަނުގެ ސީއީއޯގެ މަގާމު އަދިވެސް އޮތީ ހުސްކޮންނެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހަބީބް އެ މަގާމުން ވަކިކުރީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

އެންޑީއޭގެ ބޯޑަށް ވެސް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ކުރިން ބޯޑުގައި ތިއްބެވި 10 ބޭފުޅެއްގެ ތެރެއިން ފަސް ބޭފުޅަކު ވަކިކޮށް މުޅިން އަލަށް ބޯޑަށް ވަނީ ފަސް ބޭފުޅަކު ހަމަޖައްސާފަ އެވެ.

އަލަށް ބޯޑަށް ހަމަޖެއްސެވި ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ހެލްތު މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހުގެ ބޭފުޅުން ހިމެނެ އެވެ.

އެންޑީއޭ ކުރިން ހިންގަމުން ދިޔައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް އެންޑީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި ނަމަވެސް އެތަނުގެ ހިންގުމަކަށް އެދެވޭ ބަދަލެއް ގެނެވިފައެއް ނުވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކިއެކި ފަރާތްތަކަށް ދޭން ޖެހޭ ލަފައާއި އިރުޝާދު ދިނުމާއި އެކު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.