ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ނެތިގެން ދެވަނަ ޑޯޒް ނުޖެހި 92،000 މީހުން

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ޖެހުމުން ދެވަނަ ޑޯޒް ނުޖެހި 92،000 މީހަކު އެބަތިބި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ތިން ވެކްސިނެއް ޖަހަމުންދާއިރު އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވުމާ ގާތްވެފައިވާތީ ވެކްސިން ދިނުން ވަނީ ހުއްޓާލާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ކޮންމެ ވެކްސިނެއްގެވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހެ އެވެ. ކޮވިޝީލް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހެ އެވެ. އެންމެ ފަސްވެގެން 12 ހަފްތާގެ ކުރީން ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށް ސިއްްހީ މާހިރުން ވިދާޅުވެ އެވެ. އެހެން ނޫންނަމަ ވެކްސިނުން ލިބެން ޖެހޭ ހަގީގީ ރައްކާތެރިކަން ނުލިބޭނެ އެވެ.

އެކަމަކު މިހާރު އެ މުއްދަތު ވަނީ 16 ހަފްތާއަށް އިތުރުކޮށްފަ އެވެ. ޓެގް ޓީމުން ކުރި ދިރާސާތަކަށް ފަހު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 16 ހަފްތާވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ގައުމުން ވެކްސިން ލިބުން ވަނީ ދަތިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ ވެކްސިނަށް ޖެހި ވެކްސިންގެ ކާމިޔާބު ޕްރޮގްރާމް ވަނީ ހުއްޓިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރޮގްރާމް މެދުކެނޑުނުއިރު ފުރަތަމަ ޑޯޒް ޖަހާ ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 92،000 މީހުން އެބަތިބި ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި ތިބި 55،000 މީހަކާއި އަތޮޅުތަކުން 37،000 މީހެކެވެ.

ސަރުކާރުން މިހާރުވެސް ދަނީ އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހިލޭ ލިބެން ހުރި ވެކްސިނަށް ނުބަލާ ސަރުކާރުން އެެންމަ ފުރަތަމަ ވެސް ވެކްސިން ގަންނަން މަަސައްކަތް ތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން ސިންގަޕޫރުގެ ކުންފުންޏަކުން އެކްސްޓްރާޒަނިކާ ވެކްސިންގެ 700،000 ޑޯޒް ހޯދުމަށް ފައިސާ ދައްކާފައިވެ އެވެ. ނަމަވެސް އެ ވެކްސިން ނުލިބި ލަސްވާން ފެށުމުން އިންޑިއާއިން 300،000 ޑޯޒްގެ ކޮވިޝީލްޑް ގަންނަން ފައިސާ ދައްކާފައިވެ އެވެ. އެތަނުން 100،000 ޑޯޒް ލިބިފައިވާއިރު ސިންގަޕޫރު ކުންފުނިން ފޮނުވާ ފުރަތަމަ ސްޓޮކްވެސް ލިބޭނީ ޖޫން މަހު ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މަބުރޫކް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ވެކްސިން ލިބި އަލުން ވެކްސިން ޖަހަން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.