ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ނެތިގެން ދެވަނަ ޑޯޒް ނުޖެހި 26،400 މީހުން

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރަގްރާމް މެދުކަނޑާލަން ޖެހުމުން ދެވަނަ ޑޯޒް ނުޖެހި 26،400 މީހަކު އެބަތިބި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ތިން ވެކްސިނެއް ޖަހަމުންދާއިރު އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިން ވަނީ ހުސްވުމާއި ގާތުގައެވެ. ރާއްޖޭގައި މިހާރު ހުރީ 1،700 ޑޯޒްގެ ވެކްސިނެވެ. ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ކޮންމެ ވެކްސިނެއްގެވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހެއެވެ. ކޮވިޝީލް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހެއެވެ. އެންމެ ފަސްވެގެން 12 ހަފްތާގެ ކުރީން ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށް ސިއްްހީ މާހިރުން ވިދާޅުވެއެވެ. އެހެން ނޫންނަމަ ވެކްސިނުން ލިބެން ޖެހޭ ހަގީގީ ރައްކާތެރިކަން ނުލިބޭނެ އެވެ.

ނަމަވެސް އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ގައުމުން ވެކްސިން ލިބުން ވަނީ ދަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ ވެކްސިނަށް ޖެހި ވެކްސިންގެ ކާމިޔާބު ޕްރަގްރާމް ވަނީ ހުއްޓިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރަގްރާމް މެދުކެނޑުނުއިރު ފުރަތަމަ ޑޯޒް ޖަހާ 8 ހަފްތާ ވެފައިވާ އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ. އެގޮތުން ރޭގެ ނިޔަލަށް 26،400 މީހަކު އެބަތިބި ކަމަށް ވިދާޅުވިއެވެ. އެ އަދަދު ކޮންމެ ދުވަހަކު ދާނީ އިތުރުވަމުންނެވެ.

އޭގެ ތެރޭގައި 12 ހަފްތާވެފައިވާ މީހުންވެސް އެބަތިއްބެވެ. މަބުރޫކް ވިދާޅުވީ އެ މީހުން ތަފާސް ހިސާބުތައް ބަލަމުން ގެންދާ ކަމަށެވެ. ނަމަވެސް ވަކި ނަންބަރެއް ވިދާޅެއްނުވެއެވެ.

މަބުރޫކް ވިދާޅުވީ ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް އުންމީދު ކުރި ކަމަށެވެ. އެއީ މި ހަފްތާގައި އިންޑިއާއިން އިތުރު 100،000 ޑޯޒް ލިބޭނެ ކަމަށް ކުރީން އުންމީދު ކުރެވިފައި އޮތީމައެވެ. ނަމަވެސް އެ ގައުމުގެ ހާލަތު ގޯސްވެ އެކަމަށް ހުރަސް އެޅުނީއެވެ.

ސަރުކާރުން މިހާރުވެސް ދަނީ އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހިލޭ ލިބޭނެ ވެކްސިނަށް ނުބަލާ ސަރުކާރުން އެެންމަ ފުރަތަމަ ވެސް މަަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ސިންގަޕޫރުގެ ކުންފުންޏަކުން އެކްސްޓްޒަނިކާ ވެކްސިންގެ 700،000 ޑޯޒް ހޯދުމަށް ފައިސާ ދައްކާފައިވެއެވެ. ނަމަވެސް އެ ވެކްސިން ނުލިބި ލަސްވާން ފެށުމުން އިންޑިއާއިން 300،000 ޑޯޒްގެ ކޮވިޝީލްޑް ގަންނަން ފައިސާ ދައްކާފައިވެއެވެ. އޭގެން 100،000 ޑޯޒް ލިބިފައިވާއިރު ސިންގަޕޫރު ކުންފުނިން ފޮނުވާ ފުރަތަމަ ސްޓޮކްވެސް ލިބޭނީ ޖޫން މަހު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މަބުރޫކް ވިދާޅުވީ ކުރިއަށް ދެ ހަފްތާތެރޭ ވެކްސިން ލިބި އަލުން ވެކްސިން ޖަހަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރިޒާވުކުރި ވެކްސިން ދޭނެ މީހުން ކަނޑައަޅަނީ

ކޮވިޝީލްޑްގެ 1،700 ޑޯޒް ވެކްސިން ހުރިިއިރު އެ ވެކްސިން މިވަގުތު ހުރީ ރިޒާވްކޮށް ރައްކާކޮށްފައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ވެކްސިިން ޕްރަގްރާމް މެދުކެނޑުނަސް ހާއްސަ ހާލަތުގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭން ޖެހޭ މީހުންނަށް ވެކްސިން ދޭނެ އެވެ. ނަމަވެސް ހާއްސަ ހާލަތްތަކަކީ ކޮބައިކަމެއް ސާފެއް ނުކޮށްދެއެވެ.

މަބުރޫކް ވިދާޅުވީ ވެކްސިންގެ 1،700 ޑޯޒް ދޭނީ ކޮން ބަޔަކަށްކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެން ކަމުން އެ ވެކްސިން ދޭނީ ކޮން ބަޔަކަށްކަން ކަނޑައަޅަން ޖެހެއެވެ. އަދި އެކަން އިއުލާނުކުރަން ޖެހެއެވެ. އެކަން ކުރާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދެއްވާފައެވެ.

ޓެސްޓް ކިޓް އެބަހުރި

ބަލީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ޓެސްޓް ކިޓްގެ މުހިންމުކަން ބޮޑެވެ. ސަރުކާރުން ގެންދަނީ ޓެސްޓް ކިޓް ހުސްނުވާނެ ގޮތަށް ކަންކަން އިންތިޒާމު ހަމަޖައްސަމުންނެވެ.

ކޮންމެ ދުވަހަކު 4،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދާއިރު މަބުރޫކް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އެކަށީގެންވާ މިންވަރަކަށް ޓެސްޓް ކިޓް އެބަހުއްޓެވެ. މަބުރޫކް ވިދާޅުވީ މިވަގުުތ 87،3000 ކިޓް އެބަހުއްޓެވެ. އަދި އިތުރު 100،000 ކިޓް ވަރަށް އަވަހަށް ލިބޭނެ އެވެ. 100،000 ކިޓް ލިބޭނެ ކަމަށް ބެލެވެނީ މި މަހުގެ 14 ވަަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 601 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޓެސްޓް ކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން ދެކެވަޑައިގަންނަވައެވެ. އަދި މިހާރު ދުވާލަކު ކުރާ ޓެސްޓްގެ އަދަދު އިތުރުކުރުން މުހިންމު ކަމަށްވެސް ވިދާޅުވެއެވެ.