ދުނިޔެ

އިޒްރޭލް މައިތިރިކޮށްދޭން ސައޫދީން ގޮވާލައިފި

އިސްލާމީ އުންމަތުގެ މުގައްދަސް ބިންތަކަށާއި ބިނާތަކަށް އިޒްރޭލުން އަރައިގަނެ ސުންނާފަތިކުރަމުން ދާއިރު ބާރުގަދަ ގައުމުތަކަށް އޮތް މަސްއޫލިއްޔަތަކީ ބަލަހައްޓައިގެން ތިބުން ނޫން ކަމަށް ސައޫދީން ބުނެފި އެވެ. އިޒްރޭލަށް އަމުރެއްކުރެވޭ ވަރުގެ ބަޔަކު ތިބި ނަމަ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވައިދިނުމަށް ވެސް ސައޫދީން ވަނީ ގޮވާލާފަ އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އޮންލައިންކޮށް ބޭއްވި ކުއްލި ބައްދަލުވުމެއްގައި ސައޫދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން ދުނިޔެއަށް ގޮވާލެއްވީ އިޒްރޭލު ދުރަށްޖެއްސުމަށް އަވަސްކޮށްދެއްވުމަށެވެ.

"އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ދެމުންގެންދާ ލާއިންސާނީ ހަލާލާތައް ހުއްޓުވައިދިނުމަށް ގޮވާލަން،" ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ. ޣައްޒާއަށް ބޭސްފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އިޒްރޭލުން ބަންދުކޮށްފައި ހުރި ދޮރޯށިތައް ހުޅުވައިދިނުމަށް ވެސް ސައޫދީން ވަނީ އެދިފަ އެވެ.

އޯއައިސީ 57 މެމްބަރުން ބައްދަލުކުރީ ސައޫދީން އެދިގެންނެވެ. މިބައްދަލުވުމަކީ ފަލަސްތީނަށް އެހީތެރިވުމަށާއި ފަލަސްތީނާ މެދު އިސްލާމީ ޖަމާއަތުން ގޮތެއް ކަނޑައެޅުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެވެ.

ފައިސަލް ބިން ފުރަހާން ވިދާޅުވީ އިރުމަތީ ގުދުސްއިން ފަލަސްތީން މީހުން ބޭރުކުރަން އިޒްރޭލުން ކުރާ މަސައްކަތްތައް ކުށްވެރިކުރައްވާ ކަމަށާއި އެކަން އެގޮތަށް ކޮށްގެންނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މިންވަަކަށް ބާރުގެ ބޭނުންކޮށް އަވަށްތަކުގައި ދިރިއުޅޭ އާންމުންނަށް ބިރުދައްކައިގެން ވެސް ނުވާނެ ކަމަށެވެ.

ސައޫދީން ބުނީ ސުލްހައަށް މަޝްވަރާކުރަން އުންމީދުކޮށްގެން ތިއްބައި އިޒްރޭލުން އިންފަހަނައަޅައިފި ކަމަށާއި ދެދައުލަތެއް ގާއިމުކޮށްގެން މެނުވީ ހަމަޖެހުމެއް ނެތް ކަމަށެވެ. އަދި ބުނީ ސުލްގައި ވާހަކަތަކުގައި އިސްލާމުން އަބަދު ވެސް ދޫދޭނެ ކަމަށާއި އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށެވެ. ސައޫދީ އާއި ބައިވެރިންގެ ވިސްނުމަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުން ކަމަށް ވެސް ސައޫދީން ވަނީ ބުނެފަ އެވެ.