ހަބަރު

ތަހުގީގުކުރާ ފުލުހުންނަށް މައުލޫމާތު ދޭ ހޮޓްލައިނެއް ޕީޖީން ގާއިމްކޮށްފި

Jan 14, 2015

ތަހުގީގުތަކުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް 24 ގަޑިއިރުގެ ހޮޓްލައިނެއް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ގާއިމްކޮށްފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިދިޔަ މަހުގެ ތެރޭގައި ގާއިމްކޮށްފައިވާ އެ ހޮޓްލައިނަށް ފުލުހުންގެ ތެރެއިން ތަހުގީގުތަކުގައި ބައިވެރިވާ ކޮންމެ ފުލުހަކަށް ވެސް ގުޅޭނެ ކަމަށެވެ. އަދި ހޮޓްލައިނުން ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު ފުލުހުންނަށް މައުލޫމާތު ދެމުންދާނެ ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ހަމަޖެއްސުމާ އެކު ތަހުގީގުތައް އަވަހަށް ނިންމުމަށް އެޅޭ ބާރަކަށް ވެގެންދާނެ، ތަހުގީގުތަކުގައި ބައިވެރިވާ ކޮންމެ ފުލުހަކު ގުޅުއްވިޔަސް އެ ހޮޓްލައިނުން މައުލޫމާތު ދެމުންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ހޮޓްލައިން މެދުވެރިކޮށް ފުލުހުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރާނީ ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕީޖީ ވަކީލުންނެވެ. އަދި އެކަމަށް ވަކި ޚާއްސަ ނަމްބަރެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ތަހުގީގުތަކުގައި ފުލުހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕީޖީ އޮފީހުން ހޮޓްލައިނެއް ގާއިމްކޮށްފައިވާއިރު ބޮޑެތި މައްސަލަތަކުގެ ތަހުގީގު ހިނގަމުންދާއިރު ޕީޖީ އޮފީހާ މަޝްވަރާ ކުރާ އުސޫލެއް ވެސް އެ އޮފީހުން ކުރިން ވަނީ ގާއިމްކޮށްފަ އެވެ.