ބައްސާމް އަދީލް ޖަލީލް

ބައްސާމަށް އިތުރު ދައުވާތަކެއް އުފުލައިފި

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުރު ދައުވާތަކެއް އުފުލައިފި އެވެ.

ދައުލަތުން -- ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް މިފަހަރު ދައުވާ އުފުލީ އަމީން ކޮންސްޓްރަކްޝަން އިން ހުޅުމާލޭގައި އަޅާފައިވާ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ދެވަނަ ދައުވާ އުފުލީ އަމީން އެވެނިއުގެ ބްލޮކް އޭގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.

މިކުށާ ގުޅިގެން ބައްސާމުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. މިދައުވާ ސާބިތުވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި އެއްމިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހިޔާނާތުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު އަދީލް ޖަލީލްގެ އަތުން ނެގުމާއި އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް އެދިފައިވެ އެވެ.

ބައްސާމް، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވާތީ އޭނާގެ މައްޗަށް މިިދިޔަ ޖެނުއަރީ މަހުވެސް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވެ އެވެ.