އިންޑިޔާގެ މިޒޯރާމްގެ ޕަވާ އެންޑް އިލެކްޓްރިސިޓީ ޑިޕާޓްމަންޓް މިނިސްޓަރު އާރް ލަލްޒިރްލިއާނާ އަށް ކޮވިޑް-19 ޖެހިގެން ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުގެ ތަޅުންގަނޑު މޮޕް ކުރަން އޭނާ އުޅެނިކޮށް ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. އަދި ގިނަ ބަޔަކު ވަނީ މި މިނިސްޓަރުގެ ރަނގަޅު ކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
މިނިސްޓަރާއެކު އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅު ވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެ ވަގުތު އެޑްމިޓް ކޮށްފައި ތިއްބެވެ.
މިނިސްޓަރު މޮޕްލާން އުޅެނިކޮށް ނަގާފައިވާ ފޮޓޯ ބަލާފައި ސޯޝަލް މީޑީއާގައި ގިނަބަޔަކު ކޮށްފައިވާ ކޮމެންޓުތަކުގައި މިނިސްޓަރުން ތިބެން ޖެހޭނީ މިގޮތަށް ކަމަށް ބުނެފައި ވެއެވެ. އަދި ވީއައިޕީ ސަގާފަތް ދޫކޮށް މި މިނިސްޓަރު ނަމޫނާ ދައްކާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އުމުރުން 71 އަހަރުގެ މިނިސްޓަރު ހޮސްޕިޓަލުގެ ތަޅުންގަނޑު މޮޕްކުރަން ހުރިއިރު ހުރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުން ލައްވާ ހެދުމުގަ އެވެ.
މި ފޮޓޯ ވައިރަލް ވުމުން މިނިސްޓަރު ވިދާޅުވީ ތަޅުންގަނޑު މޮޕްކުރުމަކީ އޭނާއަށް އާ ކަމެއް ނޫން ކަމަށާއި ގޭގަޔާއި އެހެނިހެން ތަންތަނުގައި ވެސް އޭނާ އެ މަސައްކަތް ކޮށް އުޅޭ ކަމަށެވެ. އަދި އޭނާ މިކަން ކުރަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އެނޫންވެސް ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުން ލަދުގަންނަވަން ނޫން ކަމަށާއި އެހެން މީހުންނަށް މިސާލު ދައްކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިޒޯރާމް އަކީ ވީއައިޕީ ސަގާފަތް ނައްތާލަން މަސައްކަތްކުރާ ސްޓޭޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޓޭޓެކެވެ. އެ ސްޓޭޓުގެ މިނިސްޓަރުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އާދައިގެ މީހުންގެ ދިރިއުޅުމެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންތައްތައް ކުރުމާއި ބަހާއި ރޭލު ފަދަ އާދައިގެ މީހުންދަތުރުކުރާ ގޮތަށް ދަތުރުފަތުރުކުރުމުގެ އިތުރުން ވީއައިޕީ ކާރުގެ ބަދަލުގައި އާދައިގެ މޮޓޯސައިކަލުގައި އުޅޭ މީހުން ވެސް މިޒޯރާމުގެ މިނިސްޓަރުންގެ ތެރޭގައި ގިނަ އެވެ.
އަދި މި ސްޓޭޓުގެ ގިނަ މިނިސްޓަރުންނަކީ ގިނަ ބަޔަކު އެއްވެގެން ކުރާ ކޮމިއުނިޓީ މަސައްކަތްތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވާ ބައެކެވެ. އާ އަހަރާއި އެނޫންވެސް ޚާއްސަ މުނާސަބަތުތަކުގައި ގިނަ ބަޔަކަށް ކައްކާފައި ކާން ދިނުމަށް ބާއްވާ އިވެންޓުތަކުގައި އަމަލީ ގޮތުން މި ސްޓޭޓުގެ މިނިސްޓަރުން ބައިވެރިވި މީހުންނަށް ކައްކާ ކާންދީ ވެސް އުޅެ އެވެ.
"އަހަރެން ތަޅުންގަނޑު މޮޕްކުރީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ލަދުގަންނަވާކަށް ނޫން. އެހެން މީހުންނަށް މިސާލު ދައްކަން،" ލަލްޒިރްލިއާނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ ކޮޓަރި މުޑުދާރުކަމުން އެތަން ސާފުކޮށްދޭން ކުނިކަހާ މީހާއަށް އެތައް ފަހަރަކު ގޮވި ކަމަށެވެ. ނަމަވެސް ކުނިކަހާ މީހާ ނައުމުން އޭނާ އަމިއްލަށް ކުނިކަހާ މޮޕްލީ އެވެ.
މިނިސްޓަރު މޮޕް ލާން ހުއްޓާ ފެނިފައިވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތްކުރި އިންޑިޔާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަނޫޕަމް ބަރްޑޮލޮއި އަށެވެ. އެ މަންޒަރު ފޮޓޯ ނަގައި ޓުވީޓްކުރީ އޭނާ އެވެ.