ބޮލީވުޑް

ބޮލީވުޑް އެކުވެރިން ދިނީ ލަނޑު: ޝްރެޔަސް

ޝްރެޔަސް ތަޅްޕަޅޭ އަކީ ބޮލީވުޑް ގިނަ ފިލްމުތަކުގައި ލީޑް ރޯލު ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ. ނަމަވެސް އޭނާގެ ހުނަރާ އެއްވަރުގެ ރަނގަޅު ކާމިޔާބެއް ފިލްމު އިންޑަސްޓްރީން ޝްރެޔަސް އަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ޝްރެޔަސް ބުނާ ގޮތުގައި އިންޑަސްޓްރީ މީހުންނަކީ ވަރަށް ކިބުރުވެރި ބޮޑާ ބައެކެވެ. އެމީހުންނަކީ އޭނާގެ އެކުވެރިން ކަމަށް ޝްރެޔަސް ގަބޫލު ކޮށްގެން ތިބި ވަރަށް ގިނަ އެކްޓަރުން އޭނާއަށް ލަނޑުދީ ފަސް އެނބުރޭ އިރަށް "ބުރަކައްޓަށް ވަޅިހެރި" ކަމަށް ވެސް ޝްރެޔަސް ބުންޏެވެ.

ދާދިފަހުން ޝްރެޔަސް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޭނާ އެކުވެރިންގެ ގޮތުގައި ދުށް ބައެއް މީހުން އޭނާއާއެކު ފިލްމު ކުޅެން ދެކޮޅު ހަދާފައިވާކަން އެނގިފައިވާ ކަމަށެވެ. އެއީ އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީ ކުރާ ކަންކަން ކަމަށް ޝްރެޔަސް ގަބޫލު ކުރެ އެވެ.

ޝްރެޔަސްގެ ފުރަތަމަ ފިލްމު "އިގްބާލް" ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދި އެވެ. އަދި ކްރިޓިކްސް ވެސް މި ފިލްމު ވަރަށް މޮޅު ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ފުރަތަމަ ފިލްމުގެ ކާމިޔާބުން ޝްރެޔަސްގެ ކެރިއަރަށް މާ ރަނގަޅު ކުރިއެރުމެއް ނުލިބުނެވެ.

ޝްރެޔަސް ބުނީ އިންޑަސްޓްރީގެ މީހުންގެ ތެރެއިން ސާފު ހިތެއްގެ ވެރިން ވަރަށް މަދުކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް ޕަސެންޓް މީހުން ނޫނީ ތިބީ ހުސް ފޭކް މީހުން ކަމަށެވެ.

"އަމިއްލައަށް މާކެޓް ކުރާނެ ގޮތެއް އަހަންނަކަށް ނޭނގޭ. އެ ހުނަރު އަހަރެންގެ ކިބަޔަކު ނެތް. އަހަރެން ހީކުރީ އަހަރެންގެ މަސައްކަތްތައް އިންޑަސްޓްރީގެ މީހުން ބަލައިގަނެ އަހަރެންނަށް ފިލްމުތައް ހުށަހަޅާނެ ކަމަށް،" ޝްރެޔަސް ބުންޏެވެ.

ޝްރެޔަސް ބުނި ގޮތުގައި އޭނާއާއެކު ސްކްރީން ޝެއާ ކުރަން ބޭނުން ނުވާ އެކްޓަރުން ތިބި ކަމާއި އެއީ ކޮން ބައެއް ކަން ވެސް އޭނާއަށް އެނގެ އެވެ. އެމީހުން އޭނާއާ އެއް ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން ނުވަނީ އޭނާގެ ހުނަރުވެރިކަމުން އެމީހުންގެ ނުކުޅެދުންތެރިކަން ހާމަވެދާނެތީ އެވެ.

"ބައެއް އެކުވެރިންނަށްޓަކައި އެމީހުން އެދިގެން އަހަރެން ފިލްމުތައް ކުޅެދީފައި ހުންނާނެ. ނަމަވެސް ހަމަ އެމީހުން އަހަރެންގެ ބުރަކައްޓަށް ވަޅި ހެރިކަން ވެސް އަހަންނަކަށް އެނގުނު،" ޝްރެޔަސް ބުންޏެވެ.