ޑރ. މުހައްމަދު މުއިއްޒު

އެއްބާރުލުން ދޭނަމަ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް ވާނަން: މުއިއްޒު

ސަރުކާރުން އެއްބާރުލުން ދީފިނަމަ މިހާރުގެ މާލެ ސިޓީ ކައުންސިލް ވެގެން ދާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް ކަމުގައި މާލޭގޭ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ފާސް ކޮށްފައިވާ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ސަރުކާރުގެ ފަރާތުން ކަމަށެވެ.

މިއަދު ހުވާ ކުރެއްވި ކައުންސިލަރުން ހިމެނޭ މާލެ ސިޓީ ކައުންސިލަކީ ނަތީޖާ ނެރޭ ކައުންސިލަކަށް ވާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ބީރުކަންފަތެއް ނުދީ ނަތީޖާ ނެރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި އެކަމަށް ތަކުރާރުކޮށް މޭޔަރު ގޮވައި ވެސް ލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ތެރެއިން އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވަނީ ޕްލޭނިން މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި، ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރުގެ ފަރާތްޕުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެެއީ އަޅުގަނޑަކަށް ނޫނިއްޔާ ކައުންސިލްގައި ތިބި 18 ބޭފުޅުންނަށް ދޭ އެއްބާރުލުމެއް ނޫން... އެއީ މާލެ ސިޓީގެ ރައްޔިތުންނަށް ދެއްވާ އެއްބާރުލެއްވުމެއް. ފައިދާ ވާނީ ރައްޔިތުންނަށް! އަޅުގަނޑުމެން މިނިސްޓްރީތަކާއި އޮފީސްތަކަށް ދާނީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ކަންކަމާ އެކީގައި،" އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވަމުން ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިންގާނީ ދެފުށް ފެންނަ ނަޒާހަތްތެރި ގޮތަކަށް ކަމަށެވެ. ކައުންސިލް ބައްދަލުވުންތައް ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ލައިވްކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

"ކައުންސިލަރުން ކިބައިން އަޅުގަނޑު ޔަގީން ކުރަނީ ތިޔަ ބޭފުޅުންނަކީ ވެސް ތިޔަ ބޭފުޅުންގެ ކިބައިން ރައްޔިތުންނަށް ފެނިގެން ދާނީ ތިޔަބޭފުޅުންނަކީ ނަޒާހަތްތެރި އިހްލާސްތެރި ހިދުމަތްތެރި މަސައްކަތްތަކެއް ކުރާ ބައެއް ކަމުގައި. އަޅުގަނޑު އެކަމާ ކުޑަވެސް ޝައްކެއް ނުކުރަން،" އާ ކައުންސިލަރުންނާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން ވިދާޅުވި އެވެ.

ރައްޔިތުންނަށް އޯގާތެރި، އަޅާލައި ކައުންސިލަކަށް މިހާރުގެ ކައުންސިލް ވުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވަޒީފާއެއްގެ ބަދަލުގައި ޒިންމާއެއްގެ ގޮތުގައި ކައުންސިލަރުން މަސައްކަތް ކޮށްދެއްވުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.

"ކައުންސިލްގެ ރަސްމީ ގަޑިއަކީ ކަނޑައެޅިފައި އޮތް ގަޑިއެއް ކަމުގައި ވިޔަސް އަޅުގަނޑު އެދެނީ އަޅުގަނޑުމެންނަކީ 24 ގަޑިއިރު ކޮންމެ ދުވަހަކު މަސައްކަތް ކުރަން ޖެހުނަސް ރައްޔިތުންގެ ހިދުމަތުގައި އަޒުމު ވަރުގަދަ ކަމާ އެކުގައި މަސައްކަތް ކުރާ ބަޔަކަށް ވެގެން ދިއުމަށް،" އާ ކައުންސިލަރުން ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މާލޭގެ ކައުންސިލަރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރު އިސްނުކޮށް، އިންސާފުވެރިކަމާއި، ތެދުވެރިކަމާއި އަދި އެންމެންނާ މެދުވެސް ހަމަހަމަކޮށް ދެކިގެން ހިދުމަތް ދިނުމަށް މުއިއްޒު ވަނީ ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ކުރީގެ މަންޒަރުތަކާއި ހިލާފަށް އާ ކައުންސިލް ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ހިދުމަތުގެ ގޯއްޗަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

"ކޮންމެ ބޮޑު ކަމެއް ނިންމުމުގައި އަޅުގަނޑުމެން ރައްޔިތުންގެ ހިޔާލު ހޯދާނަން. އިރާދަކުރެއްވިއްޔާމު ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް އަަޅުގަނޑުމެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.