ރައީސް އޮފީސް

ސަރުކާރުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ: މަބްރޫކް

މިއަދު ހުވާ ކުރެއްވި ހުރިހާ ކައުންސިލަރުންނާ އެކު ވެސް ވަރަށް ގާތުން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މި ސަރުކާރުން ދީފައިވާ ކަމަށެވެ.

"އެހެންކަމުން ކައުންސިލްތައް އެމީހުންގެ އަމިއްލަ ބާރުވެރި ކަމުގައި ރަނގަޅު މަސައްކަތްތަކެއް ކުރާ މަންޒަރު ފެނުމަކީ ސަރުކާރުން ދެކެން ބޭނުންވާ ތަނެއް،" މަބްރޫކް ވިދާޅުވި އެވެ.

ކައުންސިލްތަކުން ބޭނުންވާ ކަންކަން ހޯދައި ބަލައި ނަތީޖާ ނެރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެ އެހީތެރިކަމެއް ހުރިހާ ކައުންސިލްތަކަށް ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މަބްރޫކް ވަނީ ދެއްވާފަ އެވެ.

އިދިކޮޅުގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅުވައި މަބްރޫކް ވިދާޅުވީ މާލޭގެ އާ ކައުންސިލަރުންނާއި މޭޔަރު މުއިއްޒާއެކު ގުޅިގެން ސަރުކާރަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ފެނިގެން ދާނެ ކަމަށެވެ.

"އެބޭފުޅުން [މާލެ ސިޓީ ކައުންސިލުން] ކަންތައްތަކަކާ އެކު އައީމާ ސަރުކާރަށް އެނގޭނީ އެ ބޭނުންވާ ކަމެއް. ރައީސް ވެސް ވަނީ މުއިއްޒަށް ފޯނުން ގުޅުއްވާ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައި. އެހެންވީމާ އެއްބާރުލުންދޭ ގޮތަށް ސަރުކާރުން މިތިބީ،" މަބްރޫކް ވިދާޅުވި އެވެ.

ގުޅިފަޅުގައި މި ސަރުކާރުން ހަދަން ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ފަހު ގުޅިފަޅަކީ ހަމައެކަނި ބޯހިޔާވަހި ކަމަށް ހާއްސަ ކުރާ ރަށަކަށް ހެދުމަށް މުއިއްޒު މިއަދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. އެގޮތަށް ސަރުކާރަށް އަމަލު ކުރާނެތޯ ދެންނެވުމުން މަބްރޫކް ވިދާޅުވީ ގުޅިފަޅުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޕޯޓަކީ ސަރުކާރުގެ ވަރަށް މުހިއްމު މަޝްރޫއަކަށް ވާތީ އެކަމުގައި މުއިއްޒުއާ ސަރުކާރުން ވާހަކަ ދައްކަވާނެ ކަމަށެވެ. އެ މަޝްރޫއު ހުއްޓާލާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.