ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިން ރާއްޖެ އެތެރެވުމަށް ވިސާ ދޫކުރުން މެދުކަނޑާލައިފައި އޮތް އޮތުން މުރާޖާ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވަގުތީ ގޮތުން ވިސާ ދޫކުރުން ހުއްޓާލައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނު ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ސަރަހައްދުގެ ޓޫރިސްޓުންނަށް ވަކި މުއްދަތެއް ނެތް ގޮތަށް ވިސާ ދޫކުރުން މެދުކަނޑާލީ އެ ސަރަހައްދުގައި ކޮވިޑް-19 އިގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.
މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޖޫން މަހުގެ ކުރީކޮޅުގައި ދެކުނު އޭޝިއާ އިން އަންނަ ފަތުރުވެރިންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަސް ނިމުގެ ކުރިން ވިސާ ދިނުން ހުއްޓައިލަން ނިންމި ނިންމުމާ ގުޅޭ ގަވާއިދު މުރާޖާ ކުރާނެ ކަމަށް ބުންޏެވެ.
އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ އިންޑިއާ މާކެޓަށް ވިސާ ދޫކުރުން ހުއްޓައިލުމުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު އަންނަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. ރައްކާތެރި ފިޔަވަޅެއްްގެ ގޮތުން އެ ސަރަހައްދުގެ ފަތުރުވެރިންނަށް ވިސާ ނުދިނުމަށް އެޗްޕީއޭ އިން ވަނީ މިނިސްޓްރީއަށް އަންގާފަ އެވެ.