ބޮލީވުޑް

ވަރުން އާއެކު ފިލްމެއް ކުޅެން ސޮނާކްޝީ ކެތްމަދުވެފައި

Nov 11, 2015

ޒުވާން ބަތަލާ ސޮނާކްޝީ ސިންހާ ދެހާސް ދިހަ ވަނަ އަހަރު ބޮލީވުޑަށް "ދަބަންގް" އިން ތައާރަފުވީ މަޝްހޫރު ތަރި ސަލްމާން ޚާނާއެކު އެވެ.

އޭގެފަހުން ވެސް ސޮނާކްޝީ މަޝްހޫރު ގިނަ ތަރިންނާއެކު މަސައްކަތްކޮށްފައިވާއިރު، ސޮނާކްޝީ ބޭނުންވަނީ އަރަމުން އަންނަ ޒުވާން ތަރި ވަރުން ދަވަން އާއެކު ހެއްވާ މަޖާ ފިލްމެއް ކުޅޭށެވެ.

ޓްވިޓާގައި ސޮނާކްޝީގެ ފޭނުންނާއެކު ކުރިއަށް ދިޔަ ލައިވް ޗެޓް ސެޝަންއެއްގައި އެންމެ އެކްޓްކުރާ ހިތްވަނީ ކޮންތަރިއަކާއެކު ތޯ އެހުމުން ސޮނާކްޝީ ވަނީ އޭނާ ކެތްތެރި ކަމެއް ނެތި އިންތިޒާރުކުރަމުން އަންނަނީ ވަރުން އާއެކު ކޮމެޑީ ފިލްމެއް ކުޅުމަށް ފުރުސަތެއް ލިބޭނެ އިރަކަށް ކަމަށެވެ.

އިތުރަށް ސޮނާކްޝީ ވަނީ އޭނާ އާއި ވަރުން އަކީ ކޮމެޑީ ފިލްމުތައް ކުޅެން މޮޅު ތަރިން ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުނެފަ އެވެ.

"އަހަރުމުން ދެމީހުން ކުޅޭ ކޮމެޑީ ފިލްމެއް ހަމަ ޔަގީނުންވެސް ކޮމެޑީ ފިލްމުތައް އެހެން ހަރުފަތަކަށް ގެންދާނެ" އޭނާ އާއި ވަރުން ކޮމެޑީ ފިލްމުތައް ކުޅެން މޮޅު ކަމަށް ބުނަމުން ސޮނާކްޝީ ބުންޏެވެ.

ވަރުން އާއެކު ފިލްމެއް ކުޅެން ބޭނުންވާކަމަށް ސޮނާކްޝީ ބުނެފައި މިވަނީ މީގެ ދެތިން ދުވަސްކުރިން ވަރުން އާއި އޭނާ އެކުގައި ޑަބްސްމޭޝް ކޮށްފައިވާ "ހޭރާ ޕޭރީ"ގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.

ސޮނާކްޝީގެ އެންމެފަހުން ރިލީޒްވި "ތޭވަރް" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވި ނަމަވެސް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ސޮނާކްޝީ މިވަގުތު ވެސް އަންނަނީ "އަކީރާ" އާއި "ފޯސް 2" ގެ މަސައްކަތް ކުރަމުންނެވެ.