އަބްދުﷲ ޖާބިރު

ޖާބިރުގެ ނަން އިއްވާ މަޖިލީހުން ނެރެފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ކަހަލަ ގޮތަކަށް ޖާބިރު ގެންދެވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާ ހަޅޭއްލަވަމުންނެވެ.

ބައެއް ފަހަރު ގޮނޑިން ތެދުވެ އިދާރީ މޭޒާ ދިމާލަށް ވަޑައިގެން އަޑުގަދަ ކުރައްވާ މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.

ޖާބިރު އަޑުގަދަ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވާ ބައެއް މެންބަރުންނަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަމާ ހިތްހަނުޖެހިގެންނެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ޖާބިރުގެ ނަން އިއްވުމުގެ ކުރިން ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އެކަމަކު ރިޔާސަތުގެ އެންގެވުމާ އެއްގޮތަށް ޖާބިރު އަމަލުނުކުރެއްވުމުން އެންމެ ފަހުން ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވާފަ އެވެ.

ނަން އިއްވުމާ އެކު ޖާބިރު ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަކީ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ.