އަބްދުﷲ ޖާބިރު

ޖާބިރު ގިނިކަންޏާ މަޖިލިސް ބޭރުގައި އިހްތިޖާޖު ކުރައްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގިނިކަންޏާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި އިހްތިޖާޖު ކުރައްވައިފި އެވެ.

ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވީ މިއަދު މެންދުރުގެ ގަދަ ހޫނުގައި ކަމަށްވާތީ އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އަތުގައި އޮތް ފެންފުޅި އަކުން ހަށިކޮޅަށް ފެން އަޅުއްވާ ވެސް ހެއްދެވި އެވެ. އަދި ކޮޅަށް ހުންނަވައިގެން ހަޅޭއްލަވަމުން ގެންދެވާފައި އިރުކޮޅަކުން އިށީދެވަޑައިގެން ފަހުން އޮށޯންނަވާ މަންޒަރުވެސް ފެނިގެން ދިޔަ އެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަމުން ދިޔަ ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ފަހުން އެސަރަހައްދު ދޫކުރައްވާފަ އެވެ.

ޖާބިރު ގިނިކަންޏާ އިހްތިޖާޖު ކުރައްވަމުން ގެންދެވިއިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެ އެވެ. އިރުކޮޅަކު އިހްތިޖާޖު ކުރުމަށްފަހު ޖާބިރު މިހާރު ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ.