ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅައި މަޖިލީހުގެ ގަވައިދުގައި ބުނެފައި ނޯންނަ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާ އެފަދައިން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިނގިރޭސިބަހުން ވާހަކަ ދެެއްކެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ ނުކުތާ ނަންގަވައި ޝަކުވާ ކުރެއްވުމާ ގުޅިގެން ނެވެ.
ވަހީދު ވިދާޅުވީ ޖާބިރު އިނގިރޭސި ބަހުން ވާހަކަ ދެއްކުމުން ޖާބިރުގެ ވާހަކަތައް ފަހުމް ނުވި ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ ޖަލްސާއެއްތޯ ނޫނީ އދ. ގެ ޖެެނެރަލް އެސެމްބްލީގެ ޖަލްސާއެއްތޯ ސުވާލު އުފެއްދެވި އެވެ. އަދި ދިވެހި ބަހަށް އިސްކަންދޭން ގާނޫނެއް ފާސް ކޮށްފައި އޮންނައިރު ރަސްމީގޮތުން ދިވެހި ބަހުން މުއާމަލާތް ކުރަން ލާޒިމް ކޮށްފައި އޮންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެން ބަސްބަހުން ވާހަކަ ދައްކާ ކަމަށްވާނަމަ އަޅުގަނޑަށް ހީވަނީ އޭގެ ތަރުޖަމާ ލިބޭނެ ގޮތެއް ހައްދަވައި ދެއްވަން ޖެހޭނެހެން" ވަހީދު ވިދާޅުވި އެވެ.
ވަހީދުގެ ވާހަކަ ނިންމާލެއްވިތަނާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އީވާ ވިދާޅުވީ ޖާބިރު ދެއްކެވި ވާހަތަކުގެ ތަރުޖަމާ ލިބޭނެގޮތެއް ހައްދަވާނެ ކަމަށެވެ. ނަމަވެސް ވަހީދު ވެސް މަޖިލީހުގެ ގަވައިދު ރަނގަޅަށް ސާފު ކުރެއްވުމަށް އީވާ އެދިވަޑައިގެންނެވި އެވެ.
"ތިބޭފުޅުން މަޖިލިސް ގަވައިދު އެކުލަވާލެއްވީ. މަޖިލިސް ގަވައިދު އެކުލަވާލެއްވި އިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭ ވަކި ބަހެއް ލިޔެފައެއް ނެތް. އަޅުގަނޑުމެން އެންމެން ވެސް ބޭނުން، އެންމެނަށްވެސް ވިސްނޭ ބަހުރުވަޔަކުން ވާހަކަ ދެއްކެވުން. އެހެން ނަމަވެސް އަޅުގަނޑުގެ ބާރު ހިނގާނީ މަޖިލިސް ގަވައިދު ތަންދޭ މިންވަރުން. މަޖިލިސް ގަވައިދަށް ބަދަލެއް ގެންނަން ބޭނުމިއްޔާ އެ އިސްލާހު ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުން އެދެން" އީވާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ޖާބިރު މުޅިންހެން ވާހަކަ ދެއްކެވީ އިނގިރޭސި ބަހުން ނެވެ. މީގެ ކުރިން އިޓަލީ ބަހުންވެސް ޖާބިރު ވާހަކަ ދައްކަވާފައި ވެއެވެ.