ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ދިރާސާކޮށް ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި އަސްލަމް ވިދާޅުވީ އެ ކޮމިޓީގެ މުގައްރިރުގެ ހައްސިއްޔަތުގެ ރައީސް ނަޝީދުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ފުލުހުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
ތަހުގީގުގެ މައުލޫމާތު ފުލުހުން ހިއްސާކުރަމުން ނުދާ ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުންދާތީ އެކަމަށް ވެސް އަސްލަމް މިއަދު ރައްދު ދެއްވި އެވެ. ވިދާޅުވީ ހުރިހާ މައުލޫމާތަކީ ފުލުހުންނަށްވެސް ކޮންމެ ދުވަހަކު ދެވޭނެ މައުލުމާތު ނޫން ކަމަށެވެ. އެގޮތުން ލިބޭ މައުލޫމާތުގެ އަލީގައި އިތުރު މައުލޫމާތު ހޯދާއިރު ހެކި އެއްކުރަން ޖެހެނީވެސް އެ މައުލޫމާތުގެ އެހީގައި ކަމަށްވެފައި އެ ހެކިތަކާއެކު ނޫނީ މީހަކު ހައްޔަރުގައި ބެހެއްޓެންވެސް ނެތް ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ ތިން މީހުންނެވެ. ބައެއް މެމްބަރުން ވަނީ ހަމަލާގެ އެންމެ ފުނަށް ގޮސް ފަންޑުކުރި މީހުންނަށް ދަންދަން ހައްޔަރުކުރަން ގޮވާލައްވާފަ އެވެ. ނަމަވެސް އަސްލަމް ވިދާޅުވީ އިތުރު މީހުން ހައްޔަރުކުރެވޭނީ އިޖުރާތްތައް ފުރިހަމަވެގެން ކަމަށާއި އަދި އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް އަދި ހަމަ ޔަގީނުންވެސް [ފުލުހުންނަށް] އިތުބާރު އެބައޮތް. އަޅުގަނޑަށް އެ އިތުބާރު ނެތް ދުވަހަކުން، ތިޔަބޭފުޅުންނަށް ޔަގީންކަން ދެއްވަން ސަލާމަތި ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އަޅުގަނޑު އެތާކު އެ އިތުބާރު ނެތި ނީންނާނަން" އަސްލަމް ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދު މަޖިލީހުން ވަނީ ފާސްވެސްކޮށްފަ އެެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އަވަހަށް ތަހުގީގުކުރަން ފުލުހުންގެ އިދާރާއަށް އަންގަން އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ.
ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު މިހާރު ދަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ހޯއްދަވަަމުންނެވެ.