ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީގައި ސުވާލުކުރުމަށް ސިފައިންގެ 40 ބޭފުޅުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން ސުވާލުކުރަން ބޭނުންވާ ސިފައިންގެ 40 ބޭފުޅެއްގެ ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އެފަދަ ލިސްޓެއް އޭނާއަށް އެނގިވަޑައިގެން ކޮމިޓީގައި އެކުވަލަވާލާފައި ނުވާ ކަމަށެވެ.
ނަމަވެސް އެމްއެންޑީއެފަށް ނިސްބަތްވާ 29 ބޭފުޅަކާ ސުވާލުކުރަން ފުރަތަމަ މަރުހަލާގައި ލިސްޓެއް އެކުލަވާލެވުނު ކަން ވެސް އަސްލަމް ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އެކަމަކު އެއީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަކުން އަދަދުތަކަށް ބަދަލު އަތުވެދާނެ ލިސްޓެއް ކަމުގައިވެސް ވިދާޅުވި އެވެ.
"....ކުރީގައި ގަސްދުކޮށްފައި އޮތީ ދަށުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކާއި ސުވާލުކުރަން. އެހެންނަމަވެސް މިހާރު މިފެށީ މަތީ ރޭންކުތަކުން. މިހެން ފަށައިގެންދާއިރު އަޅުގަނޑުމެންނަށް ބައެއް މައުލޫމާތުތައް ފަހަރެއްގައި ދަށުގެ ރޭންކުތަކުން ސުވާލުކުރީމަ ވެސް ލިބިދާނެ. އެހެންނަމަވެސް ކޮމިޓީން އެކަން ނިންމަވާ ކުރިއަށް ގެންދަވާނީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީއަށް ސިފައިންގެ އިތުރުން ފުލުހުންނާ ވެސް ސުވާލުކުރާނެ ކަމަށެވެ. އެގޮތުން ހަތް ފުލުހަކާ ސުވާލުކުރުމަށް ކޮމިޓީން މިހާތަނަށް ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ. އެކަމަކު އެ އަދަދަށް ވެސް ބަދަލުތަކެއް އަތުވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި އިންޓަވިއުތަކުން ސުވާލުތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އިތުރު ބައެއް ބޭފުޅުންގެ ފަރާތުން ވެސް [ބައެއް] ކަންކަން. އެ ކަންކަން ހިނގަމުންދާ ވަރަކުން ވެސް އަޅުގަނޑުމެން ދާނީ އަޅުގަނޑުމެން ސުވާލުކުރަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަމުން. ވަކި ސްޕެސިކް ވަކި އަދަދުތަކެއް ނެތޭ ސުވާލުކުރުމަށް ނިންމާފައެއް،" އަސްލަމް ވިދާޅުވި އެވެ.
ކޮމިޓީގެ އިންކުއަރީގައި މިހާތަނަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފާ ސުވާލުކޮށްފަ އެވެ. އަދި ފުލުހުންގެ ތެެރެއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްގެ އިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.
އަސްލަމް މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ކޮމިޓީން ވަރަށް އަވަހަށް ސުވާލުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމަ އެގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ވެސް ސުވާލުކުރަން ޖެހޭ ކަން އަސްލަމް ފާހަގަކުރެއްވި އެވެ.