ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި އެވެ.
ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވާ ކަމުގެ ޝަކުވާ ވަނީ ވަަރަށް ބޮޑުވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތައް ގިނަވެ ވަރަށް ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބިވިއެވެ. އަދި ނަތީޖާ ލިބުމަށް ފަހު އެންގުން ލަސްވާ ކަމުގެ ޝަކުވާވެސް އާންމުން ކުރެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ނެގޭ ސާމްޕަލްތައް އަވަހަށް ޕްރޮސެސްކޮށް ނަތީޖާ ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މަބުރޫކް މިރޭ ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ އެސްއެމްއެސް މެވެރިކޮށް ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ނަތީޖާ ލިބުން އަވަސް ވުމަށް ވަރަށް ބޮޑު ފަސޭހަ އަކަށްވާނެ ކަމަށެވެ.
މަބުރޫކް ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް ލިންކު ލިބުމުން ސާމްޕަލް ނެގި ތާރީހާއި އައިޑީކާޑު ނަންބަރު ޖެހުމުން ލިންކު މެދުވެރިކޮށް ސާމްޕަލް ޕޮޒިޓިވް އަދި ނެގެޓިވް ވިޔަސް އެކަން އެނގޭނެ ކަމަށެވެ. އަދި އެޗްޕީއޭއިން ފޮނުވާ މެސެޖްގައި ސާމްޕަލް ނެގި ތާރީހު ލިޔެފައިވާނެ ކަމަށެވެ.